ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.

އެ މެންބަރުންގެ ނަން އިއްވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން މަޖިލީހަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި އެ މެންބަރުން އިހުތިޖާޖު ކުރުމުންނެވެ.

އެ ގޮތުން ބިލާމެދު މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ފާހަގަކުރެއްވި ކަންކަމަށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ވޯޓަށް ނޭހުމަށް ރިޔާސަތުން ނިންމުމުން އެމްޑީޕީގެ މެންބަރުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

މެންބަރުން ވަނީ މަޖިލީހުގެ އިދާރީ މޭޒު ކައިރީގައިވެސް އަޑުއުފުލާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ އިއްވާފައިވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަމެވެ. އެއަަށްފަހު ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރުގެ ނަމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމުގެ ނަން އިއްވާ ވަނީ މަޖިލީހުގެ ތަޅުމުން އެ މެންބަރުން ބޭރުކޮށްފަ އެވެ.