ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްުކޮށްފި އެވެ.
ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ފަނޑިޔާރުން ސަސްޕެންޑްކުރީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރީ މިހާރު ކުރިއަށްދާ ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއްވެސް މިއަދު ހެނދުނު 11:00 އަށް ތާވަލުކޮށްފައި ވަނިކޮށެވެ.