ސުޕްރީމް ކޯޓް

ގޮނޑީގެ މައްސަލައިގައި ބާއްވަން އޮތް އަޑު އެހުން ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަގުތީ އަމުރުތަކާމެދު ގޮތެއް ނިންމަން މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކުރީ މިއަދު ހެނދުނު 11:00 އަށެވެ.

އަޑު އެހުމަށް ވަކީލުން ވެއްދި ނަމަވެސް އިދާރީ މޭޒުން ވަނީ އަޑުއެހުން ކެންސަލްވެފައިވާ ކަމަށް އަންގާފަ އެވެ.

އަޑު އެހުން ކެންސަލްކޮށްފައިވާއިރު މި އަޑުއެހުން ފެށުމުގެ އިރުކޮޅެއްކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން ސަސްޕެންޑްކުރީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ޖޭއެސްސީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.