ހަބަރު

މާބަނޑު މީހުންނަށް ހާއްސަ ހަކުރުބަލީގެ ކްލިނިކެއް ހުޅުވައިފި

މާބަނޑު މީހުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ހަކުރުބައްޔާއި ބެހޭ ކްލިނިކެއް ގާއިމްކޮށްފި އެވެ. މި ކްލިނިކަކީ މާބަނޑު ދުވަސްވަރު ހަކުރު ބަލީގެ މައްސަލަތައް ކުރިމަތިވާ އަންހެނުންނަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ކްލިނިކެކެވެ.

މި ކްލިނިކް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މި ކްލިނިކް ތައާރަފްކުރައްވާ ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑައިރެކްޓާ މެޑިކަލް ސާވިސަސް ޑރ. އަލީ ނަޒީމު ވިދާޅުވީ މި ކްލިނިކަކީ އައިޖީއެމްއެޗްގައި ހަކުރު ބަލީގެ ހިދުމަތް ފުޅާ ކުރަން ނިންމާފައިވަތީ ގާއިމްކުރި ކްލިނިކެއް ކަމަށާއި މާބަނޑު އަންހެނުންނަށް ދިމާވާ ހަކުރު ބަލީގެ މައްސަލަތައް ހައްލުކުރަން ހާއްސަ ކްލިނިކެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެތެރެހަށީގެ ބަލިތަކަށް ފަރުވާ ކުރާ ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓް ޑރ. އަލީ ލަތީފާއި އޮބްސްޓެޓްރިކް ގައިނީ ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓް ޑރ. އަސީލް ޖަލީލުގެ އެހީތެރިކަމާއެކު ހިންގަން ހަމަޖެހިފައިވާ މި ކްލިނިކުން ހިދުމަތް ދޭން ނިންމާފައިވަނީ ކޮންމެ ހޯމަ ދުވަހެއްގެ މެންދުރު ފަހު ކަމަށް ނަޒީމް ވިދާޅުވި އެވެ.