ސުޕްރީމް ކޯޓް

ފަނޑިޔާރުން ސަސްޕެންޑް ކުރަން ވަކީލުންގެ މެންބަރު ވޯޓު ދިން ގޮތް ހޯދަން އެދިއްޖެ

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިއްޔެ ނިންމި ނިންމުމުގައި އެ ކޮމިޝަންގައި ގާނޫނީ ވަކީލުން ތަމްސީލުކުރާ މެންބަރު ވޯޓު ދެއްވި ގޮތް ހޯދަން ވަކީލުން އެދިއްޖެ އެވެ.

ގާނޫނީ ވަކީލުންތަކެއް މިއަދު ހެނދުނު ވަނީ ޖޭއެސްސީއަށް ގޮސް، ވަކީލުންގެ މެންބަރު ވޯޓު ދެއްވި ގޮތް ހޯދަން ސިޓީއެއް ހުށަހަޅާފަ އެވެ.

ޖޭއެސްސީގައި ވަކީލުން ތަމްސީލުކުރާ މެންބަރަކީ އަލީ އަބްދުއްލަތީފެވެ.

ޖޭއެސްސީ އިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްވެސް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ. ނަމަވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން އިއްޔެ ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.