މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ވިޒިޓް މޯލްޑިވްސް އާއި ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް ޕްލެޓްފޯމް -- ބުކިން ޑޮޓްކޮމް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ވިޒިޓް މޯލްޑިވްސްއަށް ބުކިން ޑޮޓްކޮމްގެ ބައިނަލްއަގްވާމީ ވަސީލަތްތަކާއި މާކެޓިން ދާއިރާގެ ތަޖުރިބާގެ ބޭނުންހިފުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދިވެހި ސަގާފަތް އަދި ފަތުރުވެރިންނަށް ލިބިދެވޭ ތަފާތު ތަޖުރިބާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ދައްކުވައިދިނުމުގެ މަގުފަހިވެގެންދާނެ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މި ޕާޓްނަޝިޕަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ބުކިން ޑޮޓްކޮމްގެ ނެޓްވޯކާއި ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ބުކިން ޑޮޓްކޮމްގެ ކަންޓްރީ މެނޭޖަރު ސަންޓޯޝް ކުމާރު ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގާއިމުކުރެވުނު މި ޕާޓްނަޝިޕާ މެދު އުފާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ލޯކަލް ޕްރޮވައިޑަރުންނަށް ތަމްރީނު ދިނުމާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ބުކިން ޑޮޓްކޮމް އިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަފާތު ރިސޯޓުތަކާއި ގެސްޓްހައުސްތައް ބުކިން ޑޮޓްކޮމްގެ ޕްލެޓްފޯމުގައި އިތުރަށް ފެންނާނެ ގޮތް ހެދުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ޕްރޮމޯޝަނަލް ކެމްޕޭންތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސްވެ އެވެ.