ވިޔަފާރި

ރާއްޖޭގައި އުފައްދާ ސުވެނިއާ މެގަ މޯލްޑިވްސްގެ ޑިއުޓީ ފްރީއަށް

Jan 29, 2015

ރާއްޖޭގައި އުފައްދާ ހަނދާނީ ހަދިޔާ މެގަ މޯލްޑިވްސްގެ ޑިއުޓީ ފްރީގައި ވިއްކަން އިކޮނޮމިކް މިނިސްޓްރީ އާއި އެއާލައިނާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި މެގަމޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންގެ ސީއީއޯ ޖޯޖް ވިނިމަން އެވެ.

މި އެއްބަސްވުމުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ "ސަބާ" މަޝްރޫގައި އުފައްދާ ހަނދާނީ ހަދިޔާ މެގަމޯލްޑިވްސްގެ "މެގަ ސްކައި ޝޮޕް" ގައި ވިއްކަން ބަހައްޓާނެ އެވެ.

މެގަ މޯލްޑިވްސްއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ މަގުތަނަވަސް ވެގެންދާނެ ކަމަށެވެ.

މެގަ މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާކޮށް ޓޫރިސްޓުން ގެންނަ އެއް ކުންފުންޏެވެ. މި އެއާލައިންގެ ބޯޓުތަކުން އަހަރެއްގެ މައްޗަށް 100،000 އަށްވުރެ ގިނަ ޓޫރިސްޓުން ގެނެ އެވެ.