ފައްޔާޒް އިސްމާއީލް

ރައީސް އުޅުއްވަނީ ރިޔާސީ އިންތިހާބު ނުބާއްވަން: ފައްޔާޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނުބައްވާ، ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތު ކުރައްވައިފި އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުމަކީ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ގައިޑްލައިނެއް ނެރެގެން އޭރުގެ ރިޔާސީ އިންތިހާބުގެ ތެރެއަށް ވަދެގެން ގޮތަށް އަލުން ކުރިއަށް އޮތް އިންތިހާބުގައިވެސް އެފަދަ ސަކަރާތެއް ޖަހައިގެން އިންތިހާބު ނުބޭއްވުން ކަމަށެވެ. ރައީސް މުއިއްޒު އެގޮތަށް މަސައްކަތް ކުރައްވަނީ މިއަދު އިންތިހާބެއް ބޭއްވި ނަމަވެސް އެމަނިކުފާނު ހޮވިވަަޑައިނުގަންނަވާނެކަން އެނގިވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ދިވެހިން ބަދަލުކުރީ އެ ވެރިކަން ބަދަލުކޮށްގެން "އިބޫ ނޫން ގޮތެއް" ހޯދަން ކަމަށެވެ. ނަމަވެސް އެކަމުން ލިބުނު މޮޅެއް ނެތް ކަމަށް ވިދާޅުވި އެވެ. އަދި ދިވެހިނ މިއަދު ތިބީ ގާނޫނުއަސާސީއެއް ހޯދަން ކުރި މަސައްކަތް އަލުން ކުރަންޖެހޭ ހިސާބުގައި ކަމަށްވެސް ވިދާޅުވި އެވެ.

"އިބޫ ނޫންގޮތެއް ހޯދައިގެން މި ތިބީ. އަޅުގަނޑުމެން މިތިބީ އިބޫ ނޫންގޮތެއް ހޯދައިގެން. ވަރަށް ރީތިވެއްޖެ ނޫންތޯ؟ އާދެ އިބޫ ނޫން ގޮތެއް ހޯދަން ނުކުންނެވި ބޭފުޅުން މިތިބީ މި ގައުމު މުއިއްޒު ކޮށްލައްވައިގެން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް ވަޑައިގެން އިގްތިސާދު ރަނގަޅު ކުރުމަށް އާ މަސައްކަތްތަކެއް ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އަދި މިހާތަނަށް އަލަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި ކުރިން އެކި ބޭފުޅުން ކުރެއްވި ކަންކަން އެއަށް ވުރެ ރަނގަޅަށް ކުރަންވެސް ރައީސް މުއިއްޒަށް އެގިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވި އެވެ،

ފައްޔާޒު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ހަމަ މަގުން ކައްސާލާފައިވާތީ މިވެރިކަން ނިންމަން ކުރަންޖެހޭ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށެވެ. މި ގައުމުގެ ހާލަތު ގޯސްވެގެންދާ ކޮންމެ ފަހަރަކު ގައުމު ހަމަ މަގަށް އަޅުވައި ރައްޔިތުންނަށް އޮތް ބިރުވެރިކަން ކަނޑުވައިދެނީ އެމްޑީޕީ ކަމަށްވެސް އެނާ ވިދާޅުވި އެވެ.