މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ރެކޯޑެއް، އެންމެ ގިނައިން ވާރޭ ވެހުނީ ކ. ދިއްފުއްޓަށް

ކ. ދިއްފުއްޓަށް އިއްޔެ ރެކޯޑް އަދަދަކަށް ވާރޭ ވެހިއްޖެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކުރި ގޮތުގައި އެ އިދާރާ އުފެދި މޫސުމީ މައުލޫމާތުތައް އެއްކުރަން ފެށިފަހުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ އިއްޔެ ކ. ދިއްފުއްޓަށެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ދިއްފުއްޓަށް 296.1 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ރަށްތައް

  • ކ. ދިއްފުށި - 296.1 މިލިމީޓަރު
  • ހުޅުމާލެ - 185.2 މިލިމީޓަރު
  • ފ. ނިލަންދޫ - 178.2 މިލިމީޓަރު
  • ހުޅުލެ - 177.2 މިލިމީޓަރު
  • ބ. ގޮއިދޫ - 166.3 މިލިމީޓަރު

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ފެން ބޮޑުވި އެވެ.

ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ވަނީ މާލޭގެ އިތުރު ބައެއް ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ.

އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ މިއަދަކީ ސަރުކާރުގެ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ.