ރިޓަޔަމަންޓް ބާތިލްކޮށް، އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް ސުނިލް ޗެތުރީ އަލުން އިންޑިއާގެ ގައުމީ ޓީމާ ގުޅިއްޖެ އެވެ.
މި މަހުގެ 19 ވަނަ ދުވަހު ދިވެހިރާއްޖެއާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި މިމަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗަށް ޗެތުރީ ގައުމީ ޓީމުގެ ސްކޮޑުގައި މިހާރު ވަނީ ހިމަނާފަ އެވެ.
ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ ކަމަށް އުމުރުން 40 އަހަރުގެ ޗެތުރީ އިއުލާން ކުރީ މިދިޔަ އަހަރުގެ ޖޫން މަހު ކުވެއިތާ އެކު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗަށްފަހު އެވެ.
އިންޑިއާގެ ކޯޗު މަނޯލޯ މާކުއޭޒް ބުނީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް އަމާޒު ހިފައިގެން ޓީމު ވަރުގަދަކުރުމުގެ މަގުސަދުގައި ޗެތުރީއާއެކު މަޝްވަރާކުރުމުން އަލުން ޓީމާ ގުޅުމަށް އެއްބަސްވީ ކަމަށެވެ.
ޗެތުރީ ޓީމަށް އައުން މުހިއްމުވާ އެއް ސަބަބަކީ މިހާރު ކުރިއަށްދާ އިންޑިއަން ސުޕަ ލީގުގައި އޭނާ ދައްކަމުންދާ ފެންވަރު ރަނގަޅު ކުޅުމެވެ. ލީގުގައި ކުޅުނު 23 މެޗުން 12 ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ ދެވަނައިގައި ޗެތުރީ ހިމެނެ އެވެ.
އިންޑިއާގެ ގައުމީ ޓީމަށް 19 އަހަރު ކުޅެދީފައިވާ ޗެތުރީ ވަނީ 146 މެޗުން 94 ގޯލު ޖަހާފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ޗެތުރީއަށް ވުރެ ގިނައިން ގައުމީ ޓީމަށް ގޯލު ޖަހާފައިވަނީ އީރާންގެ އަލީ ދާއީ، އާޖެންޓީނާގެ ލިއޮނެލް މެސީ އަދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.