މިފްކޯ

އަންގާރަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯ ފިހާރަތަކުން

ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސް ދަޅު އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުން އެކަނި ކަމުގައި ހަމަޖައްސައިފި އެވެ.

ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ މިހާތަނަށް މާލެ ސަރަޙައްދުގައި 48،000 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިހާރުވެސް ރޯދަ ހަދިޔާ ދޫކުރާ ގޮތަށް މާދަމާ ރެޔާއި ހަމައަށް 13 މަރުކަޒެއްގައި ރޯދަ ހަދިޔާ ދޫކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެކަމަކު އަންނަ އަންގާރަ ދުވަހުން ފެށިގެން މަސް ދަޅު ކޭސް ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށާއި މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވާފައި ހުންނަ ކޮންމެ ގަޑިއަކު ރޯދަ ހަދިޔާ ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރޯދަ ހަދިޔާ ދޫކުރުން ހަމައެކަނި މިފްކޯ މަސް ފިހަރާތަކަށް ބަދަލުކުރި ނަމަވެސް ރޯދަ ހަދިޔާ ދޫކުރާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން [ރޯދަ ހަދިޔާ ދޫކުރުން] ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅު ހިމެނޭ 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެވެ.