ވާހަކަ

ކަރުނައިގެ އަގު

(7 މާރިޗު 2025 އާ ގުޅޭ)

ބެލްކަންޏާ ދިމާގައި އެލުވާފައި ހުރި އުނދޯލި ގޮނޑީގައި ރަހާ އިނެވެ. ވާރޭ ނުވެހުނަސް ދުނިޔެމަތި ފެންނަނީ ބަނަކޮށެވެ. ތެތްފިނިކަން އެކުލެވިފައިވާ ވައިރޯޅިތައް ބާރެވެ. ބެލްކަނީގެ ދޮރު ހުޅުވާފައި ހުރީތީ ފިނިފިނި ވައިރޯޅިތައް ގޭތެރޭގައި ދައުރުވަމުންދިޔަ އެވެ. ރަހާގެ އުނގުގައި އޭނާ ކިޔަން ގެންގުޅުނު އިނގިރޭސި ޅެންފޮތެއް އޮތެވެ. ފައިކައިރީ އޮތް ފޯނު ވައިބްރޭޓްވެލި ހިނދު ރަހާ ފޯނު ނަގައި ބަލާލި އެވެ. އޭނާއަށް އައީ ޑަކްޓަރ ޒަރަކްގެ މެސެޖެކެވެ.

"ބޭސް ކޮތަޅު ކާރުގައި ބާއްވާފައެއްނު އިއްޔެ ދިޔައީ. އަހަރެން ޑިއުޓީއަށް ދަމުން ތިގޭ ދޮށަށް ގެންގޮސްދޭންތަ؟." ޒަރަކްގެ މެސެޖުގައި ލިޔެފައި އޮތެވެ.

"ޑަކްޓަރ މިހިސާބަށް އަންނާނެ ކަމެއްނެތް. އަހަރެން ކުލިނިކަށް ބަލައި ހިނގައިދާނަން." އިނގިރޭސި ބަހުން ޒަރަކްގެ މެސެޖަށް ރަހާ ޖަވާބު ލިޔެފައި ފޮނުވާލި އެވެ. އެއާއެކު އަނެއްކާ ވެސް ޒަރަކްގެ މެސެޖެއް އަތުވެއްޖެ އެވެ.

"ރޭގައި އަހަރެން ވަރަށް ގުޅިން. ފޯނެއް ނުނަގާ. މިގަޑި މީ އުނދަގޫ ގަޑިއެއްތަ؟. ވާހަކައެއް ދައްކާލަން ގުޅާލަންވެގެން."

ޒަރަކްގެ މެސެޖަށް އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށްފަހު ރަހާ ރައްދު ލިޔެލި އެވެ. އޭނާ ކުލިކަށް ބޭސް ނަގަން ދާނޭ ކަމެވެ. ވާހަކައެއް ދައްކަން ޒަރަކް އޮތްނަމަ އެ ގަޑީގައި ވާހަކަދައްކާލާނީ ކަމުގައި ރަހާ ލިޔުނެވެ. ޒަރަކް އިތުރަށް މެސެޖެއް ނުކުރި އެވެ. ކުރީން އޮތްހެން ފައިކައިރީ ފޯނު ބާއްވާލަމުން އުނދޯލި ތެރޭގައި އޮތް ކުޑަ ބާލީސް ނަގައި އުނގަށްލައި އޭގައި ރަހާ ބައްދާލި އެވެ. ބެލްކަނިން ބޭރަށް އޭނާ ނަޒަރު ހުއްޓާލައިގެން އިނެވެ. އެހެން އިންދާ މަޑުމަޑުން އޭނާގެ ދެ ލޯ މެރުނުކަމެއް ނުދެނަހުއްޓެވެ. ހޭލެވުނީ ގާތުން މީހެއްގެ ހިލަންވެގެންނެވެ. ފުރަތަމަ ވެސް ރަހާގެ ދުލުން ގޮވާލީ ވާކިފްގެ ނަމެވެ. އޭރު އޭނާގެ ގައިގާ "ބްލޭންކެޓެއް" ވާކިފް އަޅައިދެނީ އެވެ.

"ތިހެން އިންދާ މާބޮޑަށް ފިނިވެދާނެ." ރަހާ ލޯ ހުޅުވާލުމުން ވާކިފް ބުންޏެވެ. ރަހާގެ ތުންފަތަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ.

"އިރުކޮޅަކު މިހެން އިނދެލަން ބޭނުމީ." ވަރުބަލި ގޮތަކަށް ރަހާ ބުނެލި އެވެ.

ވާކިފް ބޯޖަހާލީ އެންމެ ރަނގަޅޭ ބުނާ ފަދައަކުންނެވެ. ރަހާ އަލުން ދެ ލޯ މަރާލީ އެވެ. ވާކިފްގެ ފޯނު ވައިބްރޭޓްވާން ފެށީ އެވަގުތެވެ. އޭނާ އަވަސް އަވަހަށް ރަހާއާ ދުރަށް ޖެހިލި އެވެ. އެ ފޯނުގެ ހިލަންވެގެން ރަހާއަށް އުނދަގުލެއް ވެދާނޭތީހެން ހީވެ އެވެ. އެއްފަރާތުގައި މަޑުކޮށްލި ގޮތަށް ވާކިފް އަވަސްއަވަހަށް ފޯނު ނަގައިފި އެވެ. އަންނަމުންދިޔަ ކޯލު ނެގުމުގެ ވިސްނުމެއްނެތްކަން ވާކިފް ފޯނަށް ބަލަހައްޓައިގެން ހުރި ގޮތުން ދޭހަވެ އެވެ. އިރުކޮޅެއްފަހުން އެ ކޯލު ކެނޑިއްޖެ އެވެ. އެއާއެކު އިސްކުރީނުން ފެނިގެން ދިޔައީ "ނޮޓިފިކޭޝަން" އެވެ. އޭނާއަށް ފަސް ފަހަރަށް "ސަހާ" ގުޅާފައި އެބައޮތެވެ. ވާކިފްއަށް ދެން ބަލާލެވުނީ އޭނާގެ ކަނާއަތުގެ ކަށި އިނގިއްޔަށެވެ. ހަނދާނަށް އައީ ހެނދުނުގެ ނާސްތާގައި ރަހާއާ ދެމެދު ދެކެވުނު ވާހަކަ އެވެ.

"މީރުތަ؟." ކާމެޒު ދޮށުގައި އިނދެ ވާކިފް އަހާލި އެވެ.

"ވަރަށް މީރު." ރަހާ ހިނިތުންވުމަކާއެކު ބުންޏެވެ.

"އަހަރެން ދުށުން އެދޭ ވާކިފްއަކީ ތީ. އަހަރެންނާ މެދު ކެއާކުރާ. އަހަރެންނަށް ތިގޮތަށް ލޯބިން ކަންކަންކޮށްދީ. ވަގުތު ހޯދައިގެން އަހަރެންނަށް ވަގުތު ދޭ ފިރިއެއް." ވާކިފްގެ އޯގާތެރިކަމާއި ގާތްކަން ފެނި ރަހާއަށް ބުނެވުނެވެ.

"މިހާރު ކުރިޔަށްދާ ޕްރޮޖެކްޓް ނިމުނީމަ އަހަރެން ރަހާއަށް ވަގުތުދޭނަން. އައި ޕްރޮމިސް. އަހަރެންގެ އަނބިމީހާއަށް ވަގުތު ނުދީ ދެން އަހަރެން ވަގުތުދޭނޭ އެހެން މީހެއް ނުހުންނާނެ. ޤަބޫލުކުރޭ ރަހާ. ކުޑަކުޑަ ދުވަސްކޮޅަކަށް ކެތްތެރިވެލަދީ. އަހަރެން ވެސް ބޭނުން ރަހާއާއެކު ވަގުތު ހޭދަކުރަން. އެނގޭ ދެ މީހުން އެކުގައި އެއްވެސް ކަމެއް ނުކުރެވޭކަން. އަހަރެން..." ވާކިފްގެ ވާހަކަ މެދުކަނޑާލީ ރަހާ އެވެ. އޭނާ ކުއްލިއަކަށް ވާކިފްގެ ވައަތުގައި ހިފީ އެވެ.

"ކޮބާ އަނގޮއްޓި." ރަހާއަށް އަހާލެވުނެވެ.

"އަނގޮއްޓި!." ވާކިފްއަށް ވެސް އަތަށް ބަލާލެވުމާއެކު ބުނެލެވިއްޖެ އެވެ.

"ތަނެއްގައި ބޭއްވުނީތަ؟." ވާކިފްއަށް ޖަވާބެއްދޭން ނޭނގިފައި އިންދާ ރަހާ އަނެއްކާ ވެސް ސުވާލު ކުރި އެވެ.

"ސަހާއާ މީޓުކުރި އިރު އަހަރެންނަށް އަނެއްކާ ބޭއްވުނީތަ؟." ވިސްނުމެއްގައި އިން ވާކިފްގެ ހިތަށް އަރަމުންދިޔަ އެވެ.

"އިޓްސް އޯކޭ. ގެއްލިގެން ކަންބޮޑުވާންޖެހޭހާ އަގުބޮޑު އަނގޮއްޓިއެއްނޫން އެއީ." ރަހާގެ ޠަބީޢަތަށް ބަދަލުއައެވެ. އަނގޮއްޓީގެ އަގެއް ނެތް ފަދައިން މިހާރު ވާކިފްގެ ހަޔާތުގައި ރަހާގެ އަގެއް ވެސް ނެތޭ ހީވަނީ އެވެ. ކުރީގައި އިޙްސާސްކޮށްދިން ޚާއްޞަކަމާއި ދިން ލޯބި ފަނޑުވެ ރަހާގެ މުހިންމުކަން ކެނޑިއްޖޭ ޤަބޫލުކުރެވޭތީ އެވެ.

"ނޫން... ނުއެއް ގެއްލޭނެ. އަހަރެންނަށް ހަނދާންނެތި ތަނެއްގައި ބޭއްވިފައި އޮންނާނީ. ހޯދާލަނިކޮށް ފެނިދާނެ. އެހެންނޫނަސް އަހަރެން އެ އަނގޮއްޓި ގެއްލުވައެއް ނުލާނެ ދޯ. ރަހާ... އެ އަނގޮއްޓިއަށް ވަރަށް ދުވަސްވެއްޖެއެއްނު. ކިހިނެއްވާނެ ދެ މީހުންގެ އަނގޮއްޓި އާކޮށްލަން. ރަހާ ގޮވައިގެން ރަންވިއްކާ ތަނަކަށް ދާން ހިތަށް އަރާފައި މިހުންނަނީ. އަސްލު ބޭނުންވީ ރަނގަޅު ހަދިޔާއެއް ދޭން. ރަހާއަށް ގިނަދުވަހު ބޭނުންކުރެވޭނެ. އެނިވަރސަރީ ގިފްޓެއްގެ ގޮތުގައި." ވާކިފް ބުންޏެވެ. ނަމަވެސް ރަހާގެ ހަވަނަ ޚިއްޞު ބުނަމުންދިޔައީ ފިރިމީހާ ކޮންމެވެސް ކަމެއް ފޮރުވަނީ އެވެ. އެ ވާހަކަތަކަކީ ކޮންމެވެސް ކަމެއް ފޮރުވާންވެގެން ދައްކާ ބަހަނާތަކެއްގެ ގޮތުގަ އެވެ. ވާކިފްއަށް ވެސް ރަހާގެ މޫނުމަތިން އޭނާގެ ވާހަކަ އަނބިމީހާ ޤަބޫލުކުރާހެން ހިޔެއްނުވެ އެވެ. އެހެންވިޔަސް އޭނާ މަސައްކަތް އެ ކުރަނީ ރަހާގެ ހިތް ރުއްސާށެވެ. މާބޮޑު ކަމަކަށް ނުހަދާ އެ އަނގޮއްޓީގެ ވާހަކަ ރަހާ ނުދައްކާތޯ އެވެ. އެ އަނގޮއްޓިއަކީ ރަހާއާ ކައިވެނި ކުރުމަށްފަހު ރަހާ އަމިއްލައަށް ފައިސާ އެއްކޮށްގެން ވާކިފަށް ދިން ކައިވެނީގެ ހަދިޔާ އެވެ. ރަހާގެ ލޯތްބާއި ވާކިފްއަކީ އޭނާގެ ހައްޤެއްކަން އެ އަނގޮއްޓި ރަމްޒުކޮށްދޭނެކަން އެ އަނގޮއްޓި އަޅުވައިދިން ދުވަހު ބުނި ހަނދާން ވާކިފް އަދިވެސް އެބަހުއްޓެވެ.

ޚިޔާލުތަކުގެތެރެއިން ނުކުމެ ވާކިފަށް ނިތްކުރިއާއެކު ބޮސްލުގައި އަތްފުނާ އަޅާލެވުނެވެ. ކަމަކާ ގަޔާނުވިހެން އޭނާއަށް ޗަސްޖަހާލެވުނެވެ. އަތުގައި އޮތް ފޯނު މުށުތެރޭ ބާރުކޮށްލުމާއެކު ވާކިފް ފުންނޭވާއެއް ދޫކޮށްލި އެވެ.

* * * * *

ޑިއުޓީގައި އިން ޒަރަކްގެ ފޯނަށް މެސެޖެއް އައެވެ. ރަހާގެ މެސެޖެއްކަން އެނގުމުން އޭނާ އެ މެސެޖު އަވަހަށް ބަލާލި އެވެ. ކުލިނިކަށް އޭނާ އަންނަންތޯއާއި އެ ގަޑިއަކީ ޒަރަކްއަށް އުނދަގޫ ގަޑިއެއްތޯ ރަހާ އަހާފައި އޮތެވެ. ބަލި މީހުން ބަލާ ނިމޭނެކަމަށް ޒަރަކް ލަފާކުރާ ގަޑި ރަހާއަށް އޭނާ ފޮނުވާލި އެވެ. އެ ގަޑިއަށް އައިސް ދިނުމަށް އޭނާ މެސެޖުގައި އެދުނެވެ.

ބަނަވެފައި އިންތިހާއަށް ފިނި ދުވަހަކަށް ވިޔަސް ނަސީބަކުން ވާރޭއެއް ނުވެހެ އެވެ. ޓެކްސީއިން ފޭބި ރަހާ "ހީލާސް މެޑި ކުލިނިކް" އަށް ވަނެވެ. ކައުންޓަރު ދޮށުގައި މަޑުކުރުމުގެ ބަދަލުގައި އޭނާ ހިނގައިގަތީ ޑަކްޓަރ ޒަރަކް ބަލި މީހުން ބަލާ ކޮޓަރިއާ ދިމާއަށެވެ. މަޑު ހިނގުމުގައި އައިސް އެ ކޮޓަރީގެ ކުރިމައްޗަށް ވާހެން ބަހައްޓާފައި ހުންނަ ގޮނޑިބަރީގައި ރަހާ އިށީނެވެ. ޒަރަކްއަށް މެސެޖު ކުރަން ފޯނު ނެގި ހިނދު އެ ކޮޓަރީގެ ތެރެއިން އަންހެނެއްގެ ރުއިމުގެ އަޑު އިވެމުންދާކަން ފާހަގަވި އެވެ. ބަލިމީހަކު އެތެރޭގައި އުޅެނީކަން އެނގި ރަހާ މަޑުކޮށްލީ އެވެ. ގިނައިރެއްނުވެ އެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވުނުތަން ރަހާ ދުށްޓެވެ. އަންހެނަކާއި ފިރިހެނެއްގެ އިތުރުން ފުރާވަރުގެ ކުއްޖަކު އެ ކޮޓަރީގެ ތެރެއިން ރަހާއަށް ފެނުނެވެ. އެ އަންހެން މީހާއަށް ރޮވެނީ އެވެ. އެމީހުންގެ ވާހަކަތަކުން އެއީ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅުކަން ރަހާއަށް ދޭހަވި އެވެ.

"އެކަމަކު ކީއްވެ މިހެންމިވީ؟. މިހާ ޅައުމުރުގައި." ރޮމުން އެ އަންހެން މީހާ ޒަރަކްއާ ސުވާލު ކުރަމުންދިޔަ އެވެ. އޭނާގެ ފިރިމީހާއާއި އަންހެން ދަރިފުޅު ވެގެން އެ އަންހެންމީހާގެ ގައިގާ ހިފަހައްޓާލައިގެން އެތަނުން ނުކުންނަން މަސައްކަތް ކުރި އެވެ. އެ އަންހެން މީހާގެ ވާހަކަތަކުން ރަހާއަށް ނަގައިގަނެވުނީ އެމީހުންގެ ގާތުގައި ހުރި އަންހެން ދަރިފުޅަށް ކެންސަރު ޖެހުނީކަމެވެ. ރަހާއަށް ތުންފިއްތާލެވުނެވެ. ހިތަށް އަސަރުކުރީ އެވެ.

"އަހަރެންގެ މައިންބަފައިން ތިބިނަމަ އެމީހުން އެގޮތަށް އަހަރެންނާ މެދު ދެރަވެ ކަރުނަ އަޅާނެތަ. އެމީހުން އަހަރެންނަށް އަޅާލަފާނެތަ؟." އިސްއޮބާލައިގެން ރަހާ އިންއިރު އޭނާއަށް ވިސްނެމުންދިޔަ އެވެ. އަމިއްލަ ޢާއިލާއާއި މައިންބަފައިންނާ މެދު އެވެ. އެ މީހުންނާ އޭނާއާ އޮތް ގުޅުމާމެދު އެވެ. މިއަދު އޭނާގެ ގާތުގައި އެކަކުވެސް ނެތީމަ އެވެ.

"ރަހާ..." ޑަކްޓަރ ޒަރަކްގެ އަޑު ދާދި ގާތުން އިވުމުން ރަހާ ސިހިފައި އިސްއުފުލައި ބަލާލި އެވެ.

"ކޮންވިސްނުމެއްގައި؟. ދެތިން ފަހަރު ގޮވާލައިފިން. ހަރަކާތެއްނުކުރީމާ މި ނުކުތީ ބަލާލަން." ރަހާގެ ކުރިމަތީ ހުއްޓިލައިގެން ހުރި ޒަރަކް ބުންޏެވެ.

"އޯ... ސޮރީ. އަޑު ނީވުނީ." ރަހާ އަވަސްއަވަހަށް ތެދުވި އެވެ. އަދި ޒަރަކްއާއެކު ބަލިމީހުން ބަލާ ކޮޓަރިއަށް އޭނާ ވަނެވެ.

"އަހަރެން ވަރަށް އުފާވި ރަހާ ކީމޯ ނަގަން އެއްބަސްވީމަ. އެ މެސެޖު ފެނިފައި އަސްލު އެހާވަރަށް ގުޅުނީ. ޔަޤީންތޯ އަހާލަން ބޭނުންވީ." މޭޒު ދޮށުގައި އިށީން ގޮތަށް ޒަރަކް ވާހަކަދެއްކި އެވެ. ލަސްނުކޮށް ޖެހިގެން އަންނަ ދުވަހު ކީމޯތެރަޕީ ފަށަން ޒަރަކް ބޭނުންވާކަން ހާމަކުރި އެވެ. ރަހާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ފޯނުކޯލެއް އަންނަން ފެށި އެވެ.

"އިޓްސް އޯކޭ. އަންސާ ޔޯ ކޯލް." ރަހާ ފޯނު ނަގައި ބަލާލި ގޮތުން ޒަރަކް ބުނެލި އެވެ.

"ހެލޯ. ކިހިނެއްވީ؟." ވާކިފްގެ ކޯލު ނެގި ގޮތަށް ރަހާ އަހާލި އެވެ. އޭނާ ކުލިނިކަށް އައިއިރު ވާކިފްވީ އޮފީހުގަ އެވެ. އިރުއޮއްސެންވާއިރަށް ގެއަށް އަންނާނަންކަން ވާކިފް ދަމުން އޮތީ ރަހާ ގާތު ބުނެފަ އެވެ.

"ހިޔެއް ނުވޭ އެހާ އަވަހަށް ނިމޭނެހެން. އަހަރެންނަށް ދެވެންދެން ރަހާ މަޑުކޮށްގެން ހުރެދާނެތީ ކުރީބައިގައި މި ގުޅާލީ. އަހަރެން ނެތަސް ރަނގަޅަށް ކައިގެން ހުންނައްޗޭ. ރަހާ ބަލިކޮށް އުޅޭއިރު އެއްޗެއް ހަދާނެކަމެއްނެތް. ކާހިތްވާ އެއްޗެއް ގެނެސްގެން ރަނގަޅަށް ކައިގެން ރެސްޓްކޮށްލާ." ވާކިފް ބުންޏެވެ.

"ރަހާ... އެބައިނިންތަ؟. އަޑު ލިބޭތަ ސާފުކޮށް." ރަހާގެ ޖަވާބެއް ނައުމުން ވާކިފް ގޮވާލި އެވެ.

"އާން. އަޑު އިވުނު..." ރަހާ ވާހަކަދައްކަމުން ޒަރަކްއަށް ބަލާލި އެވެ. އަތުން އިޝާރާތްކޮށްލީ އޭނާއަށް ވަގުތުކޮޅެއް ދިނުމަށެވެ. ޒަރަކް ބޯޖަހާލުމުން ރަހާ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެ ކޮޓަރިން ބޭރަށް ނުކުމެލި އެވެ. އަދި އެނބުރި ވަނީ ވާކިފްގެ ފޯނުކޯލު ނިންމާފަ އެވެ.

"ސޮރީ ޑަކްޓަރ." އެނބުރި އައިސް ޒަރަކްގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ރަހާ ބުނެލި އެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟." ފަރުވާތެރި ބެލުމަކުން ރަހާއަށް ބަލަން އިނދެ ޒަރަކް އަހާލި އެވެ. އެއާއެކު ރަހާ ހޫން ލައްވާލައިފި އެވެ.

"ރަހާ. ކީމޯ ނަގަން އުޅޭއިރު އޭގެ ސަބަބުން ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ. އެކަނިމާއެކަނި ބަލީގެ ހުރިހާކަމެއް ތަޙައްމުލު ކުރުމަށްވުރެ ގާތުގައި މީހަކު ހުރިއްޔާ ހިތްވަރު ލިބި އެކަމާ ކުރިމަތިލާން ފަސޭހަވާނެ. އަސްލު އަހަރެން މިހެން މިބުނީ މިކޮޅަށް ރަހާ ދައްކަން ފެށީސުރެ އަބަދުވެސް އެކަނި އަންނަތަން ފެންނާތީ. ރަހާ މެރީޑްއެއްނު. ކޮބާ ފިރިމީހާ. ކައިރިއަކު ނޫންތަ ހުންނަނީ؟. ފިރިމީހާ ނެތިއްޔާ ޢާއިލާގައި ވެސް ގާތް މީހަކު ހުންނާނެއެއްނު. ބައެއްފަހަރު ގާތް ރަޙުމަތްތެރީންނަކީ ވެސް ވަރަށް ބޮޑު ހިތްވަރެއް." ޒަރަކް ބުންޏެވެ.

"ފިރިމީހާ އެބަހުރި... އަހަރެން އޭނާ ކައިރީ ބުނަން ބޭނުންނުވީ. ނޫން... އެހެނެއް ވެސް ނޫން. ތެދަށް ބުނަންޏާ އަހަރެން ބިރުގަންނަނީ. އޭނާ ދެރަވާނެ. އަހަރެމެންގެ ދިރިއުޅުމަށް އަންނާނެ ބަދަލުތައް ދެކެ އަހަރެން ބިރުގަންނަނީ. ނުބުނެ މަޑުކުރެވެނީ އިތުރު މައްސަލަތަކެއް ނުކުމެދާނޭ ހީވާވަރުން." ރަހާ މިހެން ބުނިއިރު އޭނާއަށް ޒަރަކްއާ ނަޒަރު ސީދާކޮށްލާކޮށް ނުކެރުނެވެ. އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން އެއްވެސް ކަމެއް ޚިއްޞާ ކުރުމަކީ ރަހާއަށް ނުހަނު އުނދަގޫ ކަމެކެވެ. މިހާ ދުވަހު އޭނާ އެ އައީ ދިރިއުޅުމުގައި ހުރި މައްސަލަތައް ހިތުގައި ފޮރުވަމުންނެވެ. އެހެންވެ ބޭރުފުށުން އެންމެންނަށް ވެސް ފެންނަނީ ނިކަން ފުރިހަމަ ރީތި ދިރިއުޅުމެއް އޭނާ އުޅޭތަނެވެ. ވާކިފްގެ ހިތް އޭނާއާ މެދު ބަދަލުވެއްޖެހެން ހީވާއިރު އޭނާއަށް އެފަދަ ބޮޑު ބައްޔެއް ޖެހިއްޖެކަން އެނގުމުން ދެންވާނީ ކިހިނެއްކަން ރަހާއަށް ލަފާކުރެވެނީ އެވެ. އިތުރަށް ވާކިފްގެ ހަޔާތުން އޭނާ ބޭކާރުވާނީކަން ޤަބޫލުކުރެވެނީ އެވެ. ރަހާ ރަނގަޅަށް ހުރިއިރު ވާކިފްއަށް އޭނާއަށް އަޅާލަން ވަގުތުނުވާއިރު މިހާރު އަދި އޭނާ ބަލިވުމުން ވާކިފަށް ވާނީ އިތުރު ބުރައަކަށޭ ހީވަނީ އެވެ. އެ ހުރިހާ ހީކުރުންތައް ޔަޤީނަށް ބަދަލުވެދާނެތީ ރަހާ ބިރުގަންނަނީ އެވެ. ވާކިފް ގާތުގައި ބަލީގެ ވާހަކަ ބުނަން އޭނާ އެވަރަށް ފަސްޖެހެނީ އެހެންވެ އެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ރަހާ އެދެނީ ވާކިފްއާއެކު އޭނާގެ އަނތްބެއްގެ ގޮތުގައި އިންނާށެވެ.

"އެންމެ ރަނގަޅު. އެކަމަކު ކޮންމެވެސް ހިސާބަކުން ފިރިމީހާއަށް އެނގޭނެކަން ރަހާ ދަންނައްޗޭ. އަނެއްކޮޅުން އެހީތެރިއަކު ރަހާއަށް ބޭނުންވާނެ މިދުވަސްކޮޅު. މާދަމާ ކީމޯގެ ފުރަތަމަ ސެޝަން ފަށާނީ."

ޒަރަކް އިތުރަށް ރަހާގެ ޒާތީ ދިރިއުޅުން ބަލައި ރަހާގެ ނިންމުންތަކަށް ފާޑުކިޔަން ގަސްދެއް ނުކުރި އެވެ. އެހެންވެ އޭނާ ކީމޯތެރަޕީ ކުރިޔަށް ގެންދާނޭ ގޮތް ރަހާއަށް ކިޔައިދޭންފެށި އެވެ. އެކަމުގެ ސަބަބުން ރަހާއަށް ކުރިމަތިވާނެ އުނދަގޫތައް ވީހާ ވެސް ތަފްސީލުކޮށްދެވޭތޯ އޭނާ ބެލި އެވެ. އެހެންވިޔަސް އޭނާއަށް ވެސް އެނގޭ ކަމަކީ ބަލިމީހާ އުފުލާ ވޭނާއި ތަކުލީފާއި އޭނާ ކެތްކުރާ ކުރުން އެހެން މީހަކަށް އިޙްސާސް ވެސް ނުކުރެވޭނެކަމެވެ.

* * * * *

އާންމުކޮށް ރޭގަނޑު ބާރައިގެ ކުރީން ވާކިފަށް ގެއަށް އާދެވޭކަމަކަށް ނުވާނެ އެވެ. ފަހުންފަހުން އައިސް ރަހާ މަޑެއް ވެސް ނުކުރެ އެވެ. ނަމަވެސް އެރޭ ނުވައެއް ޖަހަންވީއިރު ވާކިފް ގެއަށް އަތުވެއްޖެ އެވެ. ރަހާ ގާތުގައި ކައިފިންތޯ އެހުމާއެކު އޭނާ ބަނޑުހައިކަން ހާމަކުރި އެވެ. ފެންވަރާލައިގެން ނުކުންނަންވާއިރަށް ކާއެއްޗެއް ބޭރުން އޯޑަރުކޮށްގެން ގެންނަން ވާކިފް ޚިޔާލުފާޅުކުރި އެވެ. އެހާ އަވަހަށް ވާކިފް ގެއަށް އައީތީ ރަހާގެ ޠަބީޢަތް ވެސް ރަނގަޅުވެއްޖެ އެވެ. އެހެންވެ އޭނާ އަވަހަށް ވާކިފްއަށް އެންމެ ކަމުދާ ރެސްޓޯރެންޓުން ކާއެއްޗެހި ގެންނަން ގަސްދުކުރި އެވެ.

(ނުނިމޭ)