ޑރ. އަބްދުﷲ ޚަލީލް

އިޒްރޭލްގެ ޕާސްޕޯޓް މަނާކުރެވޭނީ އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްގެން: ހަލީލް

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރެވޭނީ އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްގެން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓާއެކު ރާއްޖެ އެތެރެވުން މަނާކުރުމަށް މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހު ނިންމި ނިންމުން ތަންފީޒުކުރެވިފައި ނުވާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ހަލީލް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ޖޫން 2، 2024 ގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

އެ ނިންމުން ތަންފީޒުކުރުމަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރަންޖެހޭ ކަމަށް ހަލީލް ވިދާޅުވި އެވެ.

"އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މި ވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީގައި ކަމާގުޅުން ހުރި އެކިއކެި ފަރާތްތައް ހާޒިރުކޮށްގެން ދިރާސާކުރުމުގެ މަރުހަލާގައި،" ހަލީލް ވިދާޅުވި އެވެ.

އެ އިސްލާހު ގާނޫނަކަށްވުމާއެކު ސަރުކާރުގެ ނިންމުން ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ރާއްޖެ އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ -- 241 ކޮމިޓީއަށް ފޮނުވީ ޖޫން 10، 2024 ގަ އެވެ.