ސައި ލެގޫން މޯލްޑިވްސްގައި ގާއިމުކުރި ރާއްޖޭގެ ފުރަތަމަ ޖީޒެޑް19 ޕަޑެލް ޓެނިސް ކޯޓު ހުޅުވައިފި އެވެ.
މިއީ ސައި ލެގޫން އާއި ޖީޒެޑް19 ޕަޑެލް އިޓަލީ ގުޅިގެން ގާއިމުކުރި ޓެނިސް ކޯޓެކެވެ.
މިއީ ރާއްޖޭގައި މިފަދަ ޓެނިސް ކޯޓެއް ރިސޯޓުގެ ގެސްޓުންގެ އިތުރުން ދިވެހިންނަށްވެސް ބޭނުންކުރެވޭ ގޮތަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.

މި ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން އިޓަލީއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ޓީމުގެ މުހިންމު ކުޅުންތެރިޔާ ޖިއަން ލޫކާ ޒަމްބްރޯޓާ އާއި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ނެލްސަން ޑީޑާ އާއި ރާއްޖޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނަބާ ނިޝާން އާއި އިގްނާޒް މަންސޫރު ބައިވެރިވި އެވެ.
މި ކޯޓު ގާއިމުކޮށްފައިވަނީ ރިސޯޓުގެ ބީޗް ސަރަހައްދުގައި ރީތި ހިތްގައިމު މޫދުވެސް ފެންނަ މާހައުލެއްގަ އެވެ.

ސައި ލެގޫން އިން ބުނި ގޮތުގައި ޓެނިސް ކޯޓު ހުޅުމުގެ ގޮތުން ޒިޔާރަތްކުރި ޒަމްބްރޯޓާ އާއި ޑިޑާ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ ރިސޯޓުގައި ތިބޭނެ އެވެ.
ޕަޑެލް ޓެނިސްއަކީ ޓެނިސް އާއި ސްކޮޝް އެކުލެވޭ ޑައިނަމިކް ކުޅިވަރެކެވެ. ވަށައިގެން ބަންދުކުރެވިފައިވާ ކޯޓެއްގައި ކުޅޭ ޕަޑެލް ޓެނިސްއަކީ ހުރިހާ އުމުރެއްގެ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭ ކުޅިވަރެކެވެ.
ސައި ލެގޫން އިން ބުނި ގޮތުގައި ޕަޑެލް ޓެނިސް ކޯޓު ކޮންމެ ދުވަހަކުވެސް ރޭގަނޑު 11:00 އާ ހަމައަށް ހުޅުވިފައި ހުންނާނެ އެވެ.