މާލޭ ސިޓީ ކައުންސިލް

ފެންބޮޑުވާ މައްސަލަ ހައްލުކުރަން އިތުރު ދެ ޕަމްޕް ހޯދަނީ

ބޯކޮށް ވާރޭވެހޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ހެންވޭރު ކޮޅުގައި ކަމަށެވެ.

"މާލެ އަކީ ހިތް ފަސޭހަ ސިޓީއެއްގެ ގޮތުގައި ބޭއްވުމަކީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް،" އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު ވަނީ އޮޕަރޭޓްކޮށް މެއިންޓަނަންސްގެ ކަންކަން ބެލެހެޓުމަށް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާ ހަވާލުކޮށްފައި ކަމަށާއި އެ ދެ ޕަމްޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ މާލޭ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވާ މާފަންނު ކޮޅުގައި ކަމަށެވެ.

"މާލޭގައި ފެން ބޮޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20، 30 އަހަރު ވެއްޖެ. މިކަން ހައްލު ނުވެ، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ލިބޭ،" އާޒިމް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެންމެ ފުރަތަމަ އެ ކައުންސިލުން ގެނައި ދެ ޕަމްޕަކީވެސް، ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ހާއްސަ ދިރާސާތަކެއް ހެދުމަށްފަހު، ގެނައި ޕަމްޕު ތަކެއް ކަމަށެވެ. މާލޭގައި ފެން ހިންދުމަށް މިހާރު ބޭނުންކުރާ ޕަމްޕުތަކަށް ވުރެ 10 ގުނަ ބާރު މިނުގައި، މިއިން ކޮންމެ ޕަންޕަކުންވެސް ފެން ހިންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.