މާލޭ ސިޓީ ކައުންސިލް

މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އިސްތިއުފާ ދެއްވައިފި އެވެ.

ނަރީޝް ވަނީ އިސްތިއުފާގެ ސިޓީ ސޯޝަލްމީޑިއާގައި އާންމުކުރައްވާފަ އެވެ.

އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމާ ގުޅިގެން ކަމަށް ނަރީޝް ވިދާޅުވި އެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ނަރީޝްގެ ސިޓީގައި ވަނީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދިނުމުގައި ރައްޔިތުންނާއި ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕުން ވެދެއްވި އެހީތެރިކަމަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ނަރީޝް ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ބެހެއްޓެވި ގާތްކަމާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ދަސްވި ފިލާވަޅުތަކަށްވެސް ނަރީޝް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މާލެސިޓީ ކައުންސިލުގައި ހޭދަކުރެއްވި މުއްދަތަކީ އެކި ދާއިރާތަކުން ތަޖުރިބާ ހާސިލްކުރެވި، ޝަހުސު ބައްޓަންކުރަން ލިބިގެންދިޔަ ފުރުސަތެއް ކަމުގައިވެސް ނަރީޝް ވިދާޅުވި އެވެ.