ދިރާގު

ދިރާގު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި

އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ދިރާގުގެ މަގުބޫލު ގުޑިފެސްޓްގެ ހަރަކާތެއް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗުގައި، ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގަ އެވެ.

ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

ދިރާގު ގުޑިފެސްޓްއަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ.

މި ގޮތުން، ވޭތުވެދިޔަ ރަމަޟާން މަސްމަހާ އެއްފަދައިން، މި އަހަރު ވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

އެ ގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވައިފަ އެވެ.

މި ހަރަކާތުގައި އާންމުންގެ ގިނަ ބަޔަކު ބައިވެރިވެ ހޫނު ތަރުހީބެއް ލިބުނުކަން ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.