ވާހަކަ

ކަރުނައިގެ އަގު

( 10 މާރިޗު 2025 އާ ގުޅޭ )

އެހާ އަވަހަށް ވާކިފް ގެއަށް އައީތީ ރަހާގެ ޠަބީޢަތް ވެސް ރަނގަޅުވެއްޖެ އެވެ. އެހެންވެ އޭނާ އަވަހަށް ވާކިފްއަށް އެންމެ ކަމުދާ ރެސްޓޯރެންޓުން ކާއެއްޗެހި ގެންނަން ގަސްދުކުރި އެވެ.

ދެމަފިރިން އެކުގައި ކައިގެން ނުކުމެ ސިޓިންރޫމުގައި ފިލްމެއް ބަލަން މަޑުކޮށްލީ އެވެ. ވާކިފްއާއެކުގައި އެފަދަ ވަގުތުކޮޅެއް ހޭދަކޮށްލަން ނުލިބޭތާ ވީ ދުވަހެއް ރަހާއަށް ބުނާކަށް ނޭނގެ އެވެ. އެ ދެމެދަށް އެހާ ވެސް ދުރުކަންވަނީ ވެރިވެފަ އެވެ. ފިރިމީހާގެ ގާތުގައި ސޯފާގައި ރަހާ އިންއިރު އެރޭ އޭނާގެ ނަފްސު ހިނިތުންވަމުންދިޔައީ ބޭއިޚްތިޔާރުގައި ކަހަލަ އެވެ.

"ނިދަން ދަމާ. މާދަމާ ތަންކޮޅެއް ހެދުނާ ދާން ޖެހޭ." ބަލަން ތިބި ފިލްމު ނިމުމާއެކު ރަހާ ގާތްކޮށްލާފައި ވާކިފް ބުންޏެވެ. ރަހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ އެވެ.

ކޮޓަރިއަށް އައިސް ރަހާ ނިދަން ތައްޔާރުވާންފެށި އެވެ. އޭނާ ފާޚާނާއަށް ވަދެފައި ނުކުމެ ނިދާ ހެދުން ލާން އުޅެނިކޮށް ވާކިފް އޭނާގެ އަތުގައި ހިފައި ދަމާލައިފި އެވެ. ރަހާގެ އަތުން ނިދާ ހެދުން އޭނާ އަތުލީ އެވެ. ރަހާގެ އުނަގަނޑުގައި ހިފައި ގާތްކޮށްލަމުން ވާކިފް ލޯބީގެ ސަމާސާއެއްކޮށްލީ އެވެ. ރަހާ ހީނލި އަޑު ކޮޓަރިތެރެއަށް ފެތުރުނެވެ. ހަށިގަނޑުގައި ވަރުބަލިކަން ވިޔަސް ރަހާ އެކަން ފޮރުވާލީ އެވެ. ވާކިފްގެ އިސްނެގުމާއި ފިރިމީހާގެ ޢަމަލުތައް ރަހާ ދެނެގަތެވެ. އެކަމާ ދެކޮޅު ހަދާން ރަހާ ބޭނުންނުވީ އެވެ. އެންމެހާ ނުކިއްސަރު ޚިޔާލުތަކެއް އެއްފަރާތްކޮށްލާފައި ރަހާ ލޯބިވާ އިންސާނާއަށްވީތީ ފިރިމީހާ ބަލައިގަތީ އުފާވެރި ހަމަޖެހޭ މުސްތަޤްބަލެއް އަދިވެސް ލިބިދާނޭކަމުގެ ފޮނި އުންމީދާއެކީ އެވެ. އޭރު ސިކުނޑީގައި އެއްކަނުގައި ޑަކްޓަރ ޒަރަކްގެ ވާހަކަތައް ހަރުލާފައި ހުއްޓެވެ. ރަހާއަށް އަދި ފުރުޞަތު އެބައޮތްކަމެވެ. އޭނާ ފަދަ އެތައް ބަލި މީހުންނެއް ފަރުވާއަށް ފަހު ﷲގެ އިރާދަފުޅުން ރަނގަޅުވެފައި އެބަތިބިކަން ޒަރަކް ބުނެ ދިން ހިތްވަރުގައި ހިފަން ރަހާ ގަސްދުކުރީ އެވެ. ވާކިފްއާއެކު ދިރިއުޅުމަށް އަދިވެސް ރަހާގެ ލޯބި ފުރުޞަތުދޭން އެދޭތީ އެވެ. ފިރިމީހާއާ ދުރަށްދާން ހިތް ނޭދޭނެތީ އެވެ.

* * * * *

ދެ ހަފްތާ ފަހެވެ. ޑަކްޓަރ ޒަރަކް އައީ ފަރުވާ ހޯދަމުންދިޔަ ބަލިމީހުން ތިބި ވޯޑާ ދިމާއަށެވެ. އެތަނުގައި ހުންނަ ނަރުހުންގެ ޖަގަހަ ކައިރީ ހަތަރު ނަރުހުން ނިކަން އޮލަ ވާހަކައެއްގައި ތިބީތީ ފެނުނެވެ. ކައިރިއަށް އާދެވުމާއެކު އެމީހުންގެ ވާހަކަ ޒަރަކްގެ ކަންފަތަށް ފޯރައިފި އެވެ. ކުޑަކޮށް އޭނާގެ ފިޔަވަޅު މަޑުޖެހުނެވެ. ޖީބުގައި އޮތް ފޯނު ނަގައި ބަލާކަމަށް ހަދައި އޭނާ މަޑުކޮށްލީ އެ ވާހަކަތައް އަޑު އަހާލުމުގެ ގަސްދުގަ އެވެ. އެތަނުން ނަރުހެއްގެ ދުލުން "ރަހާ"ގެ ނަން އިވުނީތީ އެވެ.

"އެހާ ބޮޑުވަރުވަރުވާއިރު ކޮންމެވެސް މީހަކާއެކީ ދޯ އަންނަންވާނީ." ނަރުހެއް ބުންޏެވެ.

"އަޅާލާނޭ އެކަކުވެސް ނެތީކަމަށް ވެދާނެއެއްނު." އެހެން ނަރުހަކު ޚިޔާލު ފާޅުކުރި އެވެ.

"އަހަރެން ހިތަށް ކުޅަދާނަ ނުވެގެން އަތުލަފިކޮށްގެން ގެނެސް ގޮނޑިބަރީގައި ބޭންދީ. ތެދުވެގެން ހިނގައިގަންނާނޭ ވަރު ވެސް އޭނާގެ ނެތް. އަހަރެން ބުނިން ރަނގަޅުވެލީމާ ޓެކްސީއެއްގައި ގެއަށްދާން މަޑުކޮށްލާށޭ." އެތަނުން އިތުރު ނަރުހަކު ވާހަކަދެއްކި އެވެ.

ކުއްލިއަކަށް ޒަރަކް ހިނގައިގަތީ ދެފަޔަށް ބާރުލާފައި ހަލުވިކަމާއެކު އެވެ. ކީމޯގެ ފަރުވާދޭ ވޯޑުގެ ބޭރުގައި ހުރި ގޮނޑިބަރީގައި ގުދުވެލައިގެން ކަހަލަ ގޮތަކަށް އިން ރަހާ ފެނުނެވެ. އިހުނަށްވުރެ ބާރަށް އޭނާއަށް އެ ދިމާއަށް އާދެވުނެވެ.

"ރަހާ." ޒަރަކްއަށް ގޮވާލެވުނެވެ. އިސްއުފުލައި ރަހާ ބަލާލި އެވެ. ދާހިތްލާ މީހާ އިނީ ފޯވެފަ އެވެ. ވޭންއަޅާކަމުގެ އަސަރު އެ މޫނުމަތިން ސާފުކޮށް ފާޅުވޭވޭ ހުއްޓެވެ. ކެތްކުރާން ދަތިވެފައިވާވަރު ރަހާގެ ފެންކަޅިވެފައިވާ ދެ ލޮލުން ހާމަވެ އެވެ. މަޑުމަޑުން ރަހާ ކޮޅަށް ތެދުވި އެވެ. އޭނާގެ އެ ސިފަ ޒަރަކްއަށް ފެންނަން ބޭނުންނުވާ ކަހަލަ އެވެ. ގަދަކަމުން ހިނިތުންވެލަން ރަހާ މަސައްކަތް ކުރި އެވެ. އޭނާ ކުރިޔަށް ފިޔަވަޅު އެޅޭތޯ ހިނގައިގަތެވެ. އެތަނުން ދާން ގަސްދުކޮށްގެންނެވެ. ނަމަވެސް ނެގި ފިޔަވަޅާއެކު ރަހާ އަރިއަޅާލައިފި އެވެ. އެހިނދު ޑަކްޓަރ ޒަރަކް ކުރިޔަށް ޖެހިލައި ނިކަން ހުސިޔާރުކަމާއެކު ރަހާ ހިފަހައްޓައިފި އެވެ.

"ޑަކްޓަރ... އިޓް ހާޓް ސޯ މަޗް... މިހާވަރުވާނޭކަން ކީއްވެ ނުބުނީ." ވަރެއްނެތް ފަދައިން ޒަރަކްގެ މޭގައި ލައްވެ ހުރެ ރަހާއަށް ޝަކުވާކުރެވުނެވެ. ހަޤީޤަތުގައި ކީމޯ ތެރަޕީ ނަގަމުންދާއިރު އެ މަރުހަލާގައި ބަލިމީހުންނަށް ދިމާވާ ތަކުލީފުތަކުގެ ވާހަކަތައް ޒަރަކް އޮތީ ރަހާއަށް ކޮންމެވެސް ވަރަކަށް ކިޔާދީފަ އެވެ. އެ ފަރުވާ ހޯދާ އެންމެންނަށް އެއްގޮތެއްނުވާކަން ބުނެދީފަ އެވެ. އެހެންވިޔަސް ހަށިގަނޑުގައި އަޅާވޭނުން ރަހާއަށް ޝަކުވާކުރެވެނީ އެވެ.

"އިޓް ވިލް ބީ އޯކޭ... އިންޝާﷲ، އެވްރިތިންގ ވިލް ބީ ފައިން ސޫން. ކެތްތެރިވޭ. އެންޑް އައިމް ހިއާ ފޯ ޔޫ." ޒަރަކް ބުންޏެވެ.

"ކެތްކުރަމޭ... އެކަމަކު... ޑަކްޓަރ... ކެތްނުކުރެވޭ ހިސާބަށް ގޮސްފިއްޔާ ދެން ކިހިނެއްވާނީ. ވަޓް ޝުޑް އައި ޑޫ." ކުކުރަމުން ކަހަލަ ގޮތަކަށް ރަހާ ބުންޏެވެ.

ބޭއިޚްތިޔާރުގައި ޒަރަކްއަށް އޭނާގެ އަތުގެތެރޭގައިވި ރަހާ ގާތްކޮށްލެވުނެވެ. ރަހާގެ ހާލު ފެނި އޭނާގެ ހިތަށް ތަދުވާންފެށީ މީގެ ކުރީން ދުވަހަކުވެސް ނުވާފަދަ ގޮތަކަށެވެ. އެ ދަރަޖައަށް ރަހާއާމެދު ހަމްދަރުދީ ވެވެނީ ކީއްވެބާއޭ ޒަރަކްގެ އަމިއްލަ ޟަމީރާ ވެސް އޭނާއަށް ސުވާލު ކުރެވުނެވެ. ރަހާއަކީ އެހާލުގައި އޭނާ ދުށް ފުރަތަމަ ބަލިމީހާއެއް ނޫނެވެ.

"އަހަންނާއެކީ އިހަށް އާދޭ. ކުޑަކޮށް ރެސްޓްކޮށްލަނިކޮށް ވަރުޖެހިލާނެ." ޒަރަކް ބުންޏެވެ. އަދި ގާތްކޮށްލައިގެން ހުރެ ރަހާ ގޮވައިގެން ޒަރަކް ހިނގައިގަތީ ނިކަން މަޑުމަޑުންނެވެ.

ހުސްކޮށް ހުރި ބަލިމީހުން ބަލާ ކޮޓަރިއަކަށް ރަހާ ގޮވައިގެން ޒަރަކް ވަނެވެ. އެތަނުގައި ހުރި އެނދުގައި އޭނާ ރަހާ ގެނެސް ބޭއްވި އެވެ. ހީކަރުވާ ވާހަކަ ރަހާ ބުނީ އެވަގުތެވެ. އެއާއެކު އެނދުމަތީ އޮތް ބެޑްޝީޓު ނަގައި ރަހާގެ ހަށިގަނޑު ޒަރަކް ނިވާކޮށްލަދީފި އެވެ. އަދި އެތަނުގައި ހުރި ގޮނޑީ އެނދާ ކައިރިކޮށްލައިގެން ޒަރަކް އިށީނެވެ.

"އަހަރެންނަށް ފެންނަނީ ރަހާ މިކޮޅުގައި އެޑްމިޓްވާން. ރަހާގެ ހަށިގަނޑު ވަރަށް ވީކް. ދެން އިތުރަށް ބަލިކަން ފޮރުވައިގެން ނޫޅެވޭނެ. ވީހާ ވެސް އަވަހަށް ރަހާގެ ޢާއިލާއަށް މިކަން އަންގަން އަހަރެންނަށް ފެނޭ. އެޓްލީސްޓް ރަހާގެ ފިރިމީހާއަށް އެނގެންވާނެ ދޯ. ތިގޮތަށް އެކަނިމާއެކަނި ހުރިހާކަމެއް ތަޙައްމުލުކުރުމަކީ އަމިއްލަ ނަފްސަށް ދެވޭ ބޮޑު ވޭނެއް. އެއީ ރަނގަޅު ނިންމުމެއްކަމަށް އަހަރެން ނުދެކެން. ލޯބިވާ ގާތްމީހުންގެ އެހީތެރިކަން މިވަގުތު ރަހާ ހޯދަންވާނެ." ކަންބޮޑުވެ އިނދެ ޒަރަކް ވާހަކަދެއްކި އެވެ.

ޒަރަކްގެ ވާހަކައަށް ރަހާ އެއްޗެއް ނުބުނެ ދެ ލޯ މަރާލައިގެން އޮތީ އެވެ. ޒަރަކް ދެއްކި ވާހަކައާ މެދު އޭނާ ވިސްނަނީ އެވެ. އޭނާގެ ހުރިހާ ވެސް މީހަކީ ވާކިފް އެވެ. އެކަމަކު ވާކިފް ގާތުގައި ބުނުމުން ދެންވާނީ ކިހިނެއް ހެއްޔެވެ؟. ދެމަފިރިންގެ ދެމެދަށް ވެރިވެފައި އޮތް ދުރުކަން ހައްތަހާ ދުރުވެދާނޭތީ ރަހާ ކަންބޮޑުވެ އެވެ. އަމިއްލަ ހާލަށްވުރެ ވެސް ރަހާއަށް ވިސްނެނީ ވާކިފްއާ ވަކިވާން ޖެހިދާނެތީ އެކަމާ އެވެ. ފިރިމީހާއަށް އޭނާ ބުރައަކަށްވެދާނެތީ އެވެ. ވާކިފްގެ ހަޔާތުން އޭނާ ބޭކާރު މީހަކަށް ވެދާނޭތީ އެވެ.

"ރަހާ... އެނގޭ ނުނިދާކަން ތިއޮތީ. ހިތްހަމަނުޖެހުނީތަ؟. އެއްޗެއް ނުބުނީ އެހެންވެތަ؟." އިރުކޮޅަކު ހިމޭނުން އިނދެފައި ޒަރަކް ބުންޏެވެ.

"އަދި އެޑްމިޓްވާކަށް ބޭނުމެއްނޫން. ކެތްނުކުރެވޭ ހިސާބަށް ދިޔައީމަ އަހަރެންނަށް އެނގޭނެ. އަހަރެންނަށް މިކަންވާނެ." ރަހާ މަޑުމަޑުން ބުނެލި އެވެ.

ތެދުވެ ހިނގާލެވޭނެހާ ވަރު ހަށިގަނޑުގައި ޖެހިލުމުން ރަހާ އިތުރަށް މަޑެއް ނުކުރި އެވެ. އޭނާ ކުލިނިކުން ނުކުމެއް ޓެކްސީއެއް ނަގައިގެން ގެއަށް އައީ އެވެ. ޒަރަކްއާ ގިނަ ވާހަކަތަކެއް ދައްކަން ރަހާ ބޭނުންނުވާތީއާ ވެސް އެކީ އެވެ. އެހެންނަމަވެސް ކުލިނިކުގެ ދޮރާ ހަމައަށް ރަހާއާއެކު ޒަރަކް ނުކުތެވެ. ހަށިގަނޑަށް ބަލައިގެން އުޅުމަށާއި ކެވޭވަރަކުން ރަނގަޅު ކާއެއްޗެހި ކާން ޒަރަކް ނަޞޭޙަތްތެރިވި އެވެ.

* * * * *

ރަހާގެ ހާލަތު މަޑުމަޑުން ދަށަށް ދާއިރު އޭނާ އެ ހުރިހާކަމަކާ ހަނގުރާމަ ކުރަމުން އައީ ގަދަފަދަ މީހަކު އުޅޭނޭހެން އުޅޭށެވެ. އޭނާގެ ހަށިގަނޑު އެއްބާރުލުން ނުދީން ނަމަވެސް އެ ހަށިގަނޑުގެ ވަރުބަލިކަމުގެ އަޑު އަހާކަށް ރަހާ ތައްޔާރު ނޫން ފަދަ އެވެ. އަމިއްލަ ހާލައިގެން ނޫޅެވޭވަރުގެ މީހަކަށްވާން އޭނާ ބޭނުންނުވަނީ އެވެ. މީހެއްގެ އެހީތެރިކަމަށް އެދޭން ޖެހިލުންވަނީ އެވެ. އެއީ ޚުދު އަމިއްލަ ފިރިމީހާގެ އެހީތެރިކަމާއި ގާތްކަމަށްވިޔަސް އެވެ. އޭނާގެ ކިބައިން އެއްވެސް ކަމެއް ނުފުދޭ ދުވަހަކުން ވާކިފްއަށް އެނާ ވާނީ ބޮޑު ބުރައަކަށޭ ރަހާއަށް ހީވަނީ އެވެ. ވާކިފްގެ ފުށުން ފެންނަމުންދާ އަސަރުތަކުންނެވެ.

ފިރިމީހާގެ ހިތްހަމަޖެހެމުން ދިޔަ ނަމަވެސް ރަހާގެ ދެ ލޮލުން ނިރާލީ ހޫނު ކަރުނަ އެވެ. ދެމަފިރިން ލޯބިން ގާތްވާން ރަހާ ބޭނުންނުވަނީއެއް ނޫނެވެ. އެހެންނަމަވެސް އޭނާއަށް މިހާރު އެ އަރާމު އިޙްސާސް ނުކުރެވެނީ އެވެ. ހަށިގަނޑުގެ އެތަން މިތަނުގައި ވޭންއަޅާތީ އެވެ. ވާކިފްއަށް އޭނާ ހުރި ނާޒުކު ހާލަތު ނޭނގޭތީ އެވެ. ރަހާގެ ހިތުގައި އޮތީ ވާކިފް އޭނާގެ ހާލު އެނގެން ވެސް ބޭނުންނުވަނީ ކަމަށެވެ. އެހެންނޫންނަމަ އޭނާއާއެކު ޑަކްޓަރަށް ދާން ވާކިފްއަށް ވަގުތުވީހެވެ. އަދި ރަހާއާއެކު ނުދެވުނުތާ ޑަކްޓަރު ދެއްކީ ކޮންވާހަކައެއްތޯ ވެސް ވާކިފަށް އަހާލެވުނީހެވެ. އެ ސުވާލުތައް ވާކިފް ނުކުރަން ހުރީ ކޮންސަބަބަކާ ހެދިކަމެއް ނޭނގެ އެވެ. އޭނާ އަހަން ހަނދާންނެތުނީކަމެއް ނޫނީ ވާކިފް ފަރުވާކުޑައީކަމެއް ނިންމާކަށް ރަހާއަށް ނޭނގުނެވެ. ބަލިމީހެއްކަން އެނގުނު ހިސާބުން ރަހާ ހުރިހާކަމެއް ސިއްރުކުރީ ވާކިފްއަށް އެނގިހުރެ ގަސްދުގައި އަޅާނުލައިފާނޭ ހީވާވަރުންނެވެ. އޭރުން ރަހާގެ ހިތުގައި މިހާރަށްވުރެ ބޮޑަށް ޖެހޭނެ އެވެ. ފިރިމީހާއަށް ހުރިހާކަމެއް އެނގި ފިރިމީހާގެ އަޅާލުން ނުލިބުނީމަ އެ ހިތްދަތިކަމަށް ކެތްކުރެވޭނެހެން ރަހާއަށް ހީނުވަނީ އެވެ.

ފާޚާނާ ތެރެއިން ރަހާ އޯކަށް ދެމޭ އަޑާއި ހޮޑުލާއަޑު އިވިއިވި ހުއްޓެވެ. ވާކިފް އޮތީ ގަދަ ނިދީގަ އެވެ. އޭނާއަށް ކުޑަ ވެސް ހިލަމެއްނުވެ އެވެ. އެތެރެއިން ލޭ ފައިބަންދެން ރަހާއަށް ހޮޑުލެވުނެވެ. އެންމެފަހުން ވަރުބަލިވެގެން ފާޚާނާ ތެރޭ އިށީނެވެ. އެގޮތަށް އިރުކޮޅަކު އިނދެފައި އޭނާ ތެދުވެ ފެންވަރާލީ އެވެ. ރީތިވެލައިގެން އޭނާ ކޮޓަރިން ނުކުމެގެން އައިސް ވަނީ ބަދިގެއަށެވެ. ވަރުބަލިކަން އިންތިހާއަށް ގޮސްފައިވާއިރު ވެސް އޭނާއަށް ނުނިދޭނެކަން ޔަޤީންވަނީ އެވެ. ތެތް އިސްތަށިގަނޑު އޮތީ އޭގެ އަމިއްލަ ޒާތުގައި ހިކެން ފަހަތަށް ދޫކޮށްލާފަ އެވެ. އިނގުރާއި މާމުއިކޮޅެއް އެއްކޮށްލައިގެން ސައިތަށްޓެއް ހަދައިގެން އައިސް ރަހާ ކާމޭޒު ދޮށުގައި އިށީނެވެ. ވަށައިގެންވީ ހިމޭންކަމުގެ ތެރެއިން ރަހާގެ ކަންފަތުގައި ހީވީ ޒަރަކްގެ އަޑު ޖެހުނު ހެންނެވެ.

"އިތުރަށް ދެން ރަހާގެ ބައްޔެއް ނުފޮރުވޭނެ." ޒަރަކްގެ ވާހަކަތައް ރަހާގެ ހަނދާނުން އާވެގެން އައެވެ.

"އަހަރެން ކިހިނެއްތަ ހަދާނީ؟. ވާކިފް ކައިރީ ހަމަ ބުނަންވީތަ؟. އޭރުން ކިހިނެއްދެންވާނީ؟." ރަހާއަށް ބޭއިޚްތިޔާރުގައި ދުލުން ބޭރުކޮށްލެވުނެވެ. ކުރިމަތީ އިން މީހެއްގެ ޚިޔާލެއް ހޯދާ ފަދައަކުންނެވެ.

ދަންވަރު ތިނެއް ޖަހައިފި އެވެ. މުޅިގެ ގެ ނިދާފައި އޮތްއިރު ރަހާ ހުރީ މުސައްލަ މަތީ ނަމާދަށެވެ. އޭނާއަށް ވިސްނުނު ހައްލަކީ އެއީ އެވެ. ދަމު ނަމާދު ނިންމާލުމަށްފަހު އޭނާ އިސްތިޚާރާގެ ދެ ރަކުއަތް ކުރި އެވެ. އޭނާއަށް މަގެއް ދެއްކެވުމަށް އެދި ﷲއަށް ދެންނެވި އެވެ. ވާކިފްދެކެ އޭނާ ލޯބިވާވަރާއި ރަހާ ބިރުގަންނަ ކަންތައްތައް ވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާކަން އޭނާ ޤަބޫލުކުރެ އެވެ. އަދި އޭނާ ކުރިޔަށްދާން އެކަލާނގެ ދައްކަވާނީ އެންމެ ފުރިހަމަ މަގުކަން ރަހާ ހިތުގެ އަޑިން ޤަބޫލުކުރެ އެވެ. ފަތިސް ނަމާދަށް ގޮވަންދެން އޭނާގެ ވަރުބަލިކަމާއެކު ވެސް މުސައްލަ މަތީ ދުޢާކުރުމުގައި ރަހާ އިނެވެ.

* * * * *

އެލާމް އަޅާ އަޑަށް ވާކިފް ލޯ ހުޅުވާލި އެވެ. ފޯނުގައިވާ އެލާމް ނިއްވާލާފައި އޭނާ ކުރު އަތްމައްޗަށް ތެދުވެ ކޮޓަރިތެރެ ބަލާލި އެވެ. އެނދުގައި ރަހާ ފެންނަން ނެތީ އެވެ. ވާކިފް ތެދުވެގެން ކޮޓަރިން ނުކުތްއިރު ރަހާ އިނީ ބެލްކަނި ކައިރީ ބަހައްޓާފައި ހުރި އުނދޯލި ގޮނޑީގަ އެވެ. އުނދޯއްޔަށް ދެފައި އަރުވާލައިގެން ފޮތެއް އުނގަށް ލައިގެން ބެލްކަނިން ބޭރަށް ބަލަހައްޓައިގެން ރަހާ އިނީ ކޮންމެވެސް ކަމަކަށް ގެއްލިފަ އެވެ. އޭނާއަށް ހިލަންވީ ވާކިފް އައިސް ކޮނޑުގައި އަތްޖައްސާލީމަ އެވެ.

"ކީއްވެފަ ތިއިނީ؟. ހާދަ ހެނދުނާ ފޮތް ހިފައިގެން ތިއުޅެނީ؟." ވާކިފް ވާހަކަދެއްކި އެވެ.

"ގުޑްމޯނިންގ." ރަހާ ހިނިތުންވުމެއް ދިނެވެ. އުނދޯލިން ދެފައި ތިރިކޮށްލާފައި އޭނާ އާންމުކޮށް ކިޔަން ގެންގުޅޭ ޅެންފޮތް އުނގުމަތިން ނަގައި ވާކިފްއަށް ދައްކާލި އެވެ.

"އަހަރެން ރޭގައި ބުނަން ހަނދާންނެތުނީ. މާދަމާއަށް އޮފީސް ދަތުރެއް ހަމަޖެހިފައި އޮތީ. މެލޭ އިންވެސްޓަރުންނާ މީޓުކުރަން އެކޮޅަށް ދަނީ. އެކޮޅުގެ ހުރިހާކަމެއް ބަލަން މަޑުކޮށްފައި ޑީލް ފައިނަލް ކޮށްގެން އަންނަ ވިސްނުން ހުރީ. އެއް މަސް ނޫނީ ދޮޅު މަސް ދުވަސް ވާނެ." ވާކިފް ބުންޏެވެ.

"މެލޭއަށް... ކޮންބައެއް ދަނީ؟. ވާކިފް އެކަނިތަ؟." ރަހާއަށް އަހާލެވުނެވެ.

(ނުނިމޭ)