އިސްލާމިކް ސްޓޭޓް

ޔޫރަޕަށް ހަމަލާދޭން އައިއެސް އިން 400 މީހުން ތަމްރީނު ކޮށްފައިވޭ: ރިޕޯޓް

އައިއެސް ޖަމާއަތުން ޔޫރަޕްގެ ގައުމުތަކަށް ހަމަލާދޭން 400 ހަނގުރާމަވެރިން ތަމްރީނުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެގޮތުން މިދިޔަ އަހަރު ޕެރިހަށް ދިން ބޮމުގެ ހަމަލާ އާއި މީގެ ދެ ދުވަސް ކުރިން ބްރަސެލްސް އަށް ދިން ޓެރަރިސްޓް ހަމަލާތަކަކީ އެކަމަށް ހާއްސަކޮށްގެން އައިއެސް އިން ތަމްރީނު ކޮށްފައިވާ ހަނގުރާމަވެރިން ދީފައިވާ ހަމަލާތައް ކަމަށްވެ އެވެ.

ޔޫރަޕާއި އިރާގުގެ އިންޓޭލިޖެންސް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މި ހަނގުރާމަވެރިން ތަމްރީނުކުރަމުންދަނީ ސީރިޔާ އަދި އިރާގުގެ ވަކި ސަރަހައްދުތަކެއްގައި ހުންނަ އެޖަމާއަތުގެ ކޭމްޕްތަކުގަ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ޕެރިހަށް ހަމަލާ ދިނުމުގެ ކުރިން އެކި އެކި ގައުމުތަކަށް ނިސްބަތްވާ 90 ހަނގުރާމަވެރިން ޔޫރަޕަށް އެތެރެވެފައިވާ ކަމަށްވެ އެވެ. އަދި އެމީހުންވަނީ ޔޫރަޕްގެ އެކި ހިސާބުތަކަށް ފެތުރިގަނެފައި ކަމަށްވެސް ވެ އެވެ.

ބެލޖިއަމް އަށްވެސް އެޖަމާއަތުން ހަމަލާދިން ކަމަށް އެޖަމާއަތުން ބުނާއިރު އެހަމަލާގެ ހަފަހަތުގައިވާ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެމީހާގެ އައިޑެންޓިޓީ މިހާތަނަަށް އަދި ހޯދިފައިނުވާ ކަމަށްވެ އެވެ.