ސާޖިދާ މުހައްމަދު

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން މެޑަމް ސާޖިދާ ކުށްވެރި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމުގެ މަންމަ -- މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

މިކަން ކުށްވެރިކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ އެއްވެސް މީހަކަށް މިފަދައިން ހަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓްގައި ވަނީ މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވާ އިންސާފު ގާއިމުކުރުމަށް ޖާގަ ދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

މަންދީގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހީ އެމްޑީޕީ އިން ކޮންމެ ރެއަކު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ ތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގައެވެ.

ރޭ މެންދަމު 1:07 ހާއިރު މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އޭނާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހެލްމެޓް އަޅައިގެން ތިބި ބައެއް ކަމަށްވެ އެވެ.

މަންދީގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖަހާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކާ ގުޅޭގޮތުން މަންދީ ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ.

މަންދީ ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސްގެ އާއިލާ އިން ވަނީ އޭނާގެ މައްޗަށް ދައުވާކުރަންވެސް ނިންމާފަ އެވެ. އަދި ފުލުހުންވެސް ގެންދަނީ މަންދީއާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.