އެޗްޑީސީ

ބިންވެރިޔާ ސްކީމުގެ މައްސަލަތަކެއް ފުލުހަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމާ ގުޅޭ އޮޑިޓަކަށްފަހު ފާހަގަވި މައްސަލަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތް ކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިމާރާތް ކުރުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.

އެމައްސަލަ ސަމާލުކަމަށް އައުމާ ގުޅިގެން އިތުރަށް ބަލައި ކަމާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ބިންވެރިޔާ ސްކީމާ ގުޅޭ އޮޑިޓުން ފާހަގަވި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ބަލައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ. އެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ލާބަ އާއި މަންފާއަށް އަދި އާންމުންނަށް ދޭން ޖެހޭ ހިދުމަތްތައް ނަޒާހަތްތެރިކަމާ އެކު، އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށް ކަމަށްވެސް ބުންޏެވެ.

ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅިއިރު، އެ ސްކީމްގެ ދަށުން ހައްގު ނޫން ބަޔަކަށް ބިންތަކެއް ދޫކުރި މައްސަލަތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވި އެވެ. އެކަމާ ގުޅިގެން އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާ އިސް މުވައްޒަފުންތަކެއް ސަސްޕެންޑްކޮށް، ފަހުން މަގާމުތަކުން ވަކިކޮށްފައިވެ އެވެ.