އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު ކުރައްވައި އޭނާގެ މައްސަލަ ބަލައިދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އޭސީސީއަށް ހުށަހެޅުއްވި މައްސަލަ ބަލައިގަނެ ރަޖިސްޓަރީކޮށްފި އެވެ.
އެ މައްސަލަ ރަޖިސްޓްރީ ކުރިކަން އޭސީސީ އިން މިހާރު ވަނީ އަޒްމިރަލްދާގެ ވަކީލުންނަށް އަންގާފައިވާ ކަމަށް އެނގިފައިވެ އެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޖޭއެސްސީ އިން ވަނީ ނިންމާފަ އެވެ.
އެކަމަކު އޭސީސީ އިން ބަލަމުންދާ މައްސަލައިގެ އެއްވެސް ތަފްސީލެއް އެ ކޮމިޝަނުންވެސް އަދި ޖޭއެސްސީއަކުންވެސް ނުބުނެ އެވެ. އަދި އޭސީސީ އިން ބަލަމުންދާ މައްސަލައިގެ ތަފްސީލް ހޯދުމަށް އަޒްމިރަލްދާ އެ ކޮމިޝަނަށް ހުށަހެޅުއްވުމުން އޭނާއަށް ވެސް އެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.
އަޒްމިރަލްދާ އޭސީސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އޭސީސީގެ ރައީސް ޝާމިލް ސޮއި ކުރައްވައި ޖޭއެސްސީއަށް ސިޓީ ފޮނުއްވާފައިވަނީ އިޖުރާއަތުތަކާ އުސޫލުތަކުގެ ބޭރުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ސިޓީ ފޮނުއްވާފައިވަނީ އާންމު އުސޫލުން ޖެމްސް މެދުވެރިކޮށް ނޫން ކަމަށާއި އެ ސިޓީގައި ސިޓީގެ ނަމްބަރެއްވެސް ނެތް ކަމަށް ފާހަގަކުރައްވާފައިވެ އެވެ.
"އާދަމް ޝާމިލް އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާއްމު އިޖުރާއަތުތަކާ ހިލާފުވެ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުން ސަސްޕެންޑުކުރުމަށް ސިޓީ ފޮނުއްވާފައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލްކޮށްދިނުމަށާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ކަމަށް އެ ކޮމިޝަންގެ ގާނޫނަށް ގެނެވުނު ތިންވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއުުކުރުމުގެ މަސްހަލަތުކަމުގައިވެސް ދެކެމެވެ،" އަޒްމިރަލްދާގެ ސިޓީގައިވެ އެވެ.
ޝާމިލްގެ މި އަމަލުތަކަކީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމުގައިވާތީ، ޖިނާއީ ކުށުގެ މި އަމަލު އަވަސް ގޮތެއްގައި ތަހުގީގުކޮށްދިނުމަށްވެސް ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.