މާލޭގެ ކާނިވާ ސަރަޙައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށްފަހު އަލުން ހެދުމަށް ހަމަޖެހިފައިވާ ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން ދައްކާލައިފި އެވެ.
އާ ސްޓޭޖް ހުންނާނެ ގޮތުގެ ކުރެހުން މާލެ ސިޓީ ކައުންސިލުން މިއަދު ދައްކާލިއިރު މި މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ މި މަހުގެ 14 ވަނަ ދުވަހު ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.
މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މަސައްކަތުގެ އަގަކީ 4.84 މިލިއަން ރުފިޔާ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ ކާނިވާ ސްޓޭޖު ދެން ފެނިގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.
ކާނިވާ ސްޓޭޖްގެ މަސައްކަތަކީ މާލޭގެ މޭޔަރުކަމާ މިހާރުގެ މޭޔަރު އާދަމް އާޒިމް ހަވާލުވެ ވަޑައިގަތުމަށްފަހު މިހާރު އޮތް ކައުންސިލުން ފާސްކޮށްގެން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.