ހާއްސަ ރިޕޯޓް

މިިނިސްޓަރު މުއިއްޒު: ދެވަނަ އުމަރު ޒާހިރު!

Mar 25, 2016
6

ހައުސިން އާއި ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް ޕަބްލިކް ވޯކްސްގައި ރާއްޖެ މިހާތަނަށް ދުށް އެންމެ އާދަޔާހިލާފު ވަޒީރަކީ ކޮބައިތޯ އަހައިފިނަމަ އެއީ ނިޝާން އިއްޒުއްދީނު އިތްޒަތްތެރިވެރިޔާ، ކުރީގެ ވަޒީރު އުމަރު ޒާހިރޭ އެންމެން ވެސް ބުނާނެ އެވެ. އުމަރު ޒާހިރުގެ މަސައްކަތުގެ އަހުލާގައި ސްޕީޑާއި ކަންކަމުގައި ބައިވެރިވެ ވަޑައިންނެވުމާއި ވަގުތަށް ކަމޭ ހިތްތެވުން ފަދަ ބައިވަރު ސަބަބުތަކަށްޓަކަ އެވެ. ރާއްޖެ ފެންމަތީގައި އޮތްހާ ހިނދަކު ދިވެހިން އުމަރު ޒާހިރުގެ ވާހަކަ ދައްކާނެ އެވެ. ޒާހިރަށް ގަދަރާއި އިހުތިރާމް ކުރާނެ އެވެ. ފަހުރުވެރި އެ ނަމޫނާއަށް ލޯބި ކުރާނެ އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓް އެކުލަވައިލެއްވި އިރު ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ލެއްވުމުން ވަރަށް ގިނަ ބަޔަކު ފާޑުކި އެވެ. މުއިއްޒުގެ ބަސް މަދުކަމާއެކު ވަރަށް ގިނަ މީހުނަށް ބުނެވުނީ މުއިއްޒަކީ "ފިނިހަކަ" ވަޒީރެކޭ އެވެ. މީނާ ހައުސިން މިނިސްޓްރީ އާއި މަސައްކަތްތައް "ފަނާ" ކޮށްލާނެ އޭ އެވެ. ފުރަތަމަކޮޅު ކަންކަން އައި ގޮތުން އެއީ ތެދެކޭ ހީވި ހިނދުކޮޅުކޮޅުތައް ވެސް އައެވެ. ނަމަވެސް ވަހީދުގެ ވެރިކަން ނިމި ރައީސް އަބްދުﷲ ޔާމީނުގެ ކެބިނެޓްގައި މުއިއްޒު ހިމެ ވަޑައިގެންނެވުމާއެކު މުއިއްޒު ބަދަލުވީ ބާރަށް ދުވާ އަހަކަށެވެ. "ކޭކޭބީކޭ" ޖަހާފައި ދުއްވައިގެންފި އެވެ. އުމަރު ޒާހިރުގެ ފަހަށް އެ ދާއިރާގައި އެކި ބޭފުޅުން ވަޒީރުކަން ކުރެއްވި އިރު ދެވަނަ "އުމަރު ޒާހިރެއް" އަދި ކިރިޔާ މިއޮއް ދައްކާލީ އެވެ.

މުއިއްޒަކީ އުމަރު ޒާހިރުގެ އަރިހުގައި މަސައްކަތް ކުރެއްވި އެމަނިކުފާނުގެ އިރުޝާދާއި ތަރުބިއްޔަތު ލިބި ވަޑައިގެން ހުންނެވި އުމަރު ޒާހިރަށްވުރެ ވެސް މާ މަޑުމައިތިރި ބޭފުޅެކެވެ. ބައެއް ފަހަރާ ހިސާބަކަށް ލަދުން ހުންނަވާހެން ވެސް ހީވާ ވަޒީރެކެވެ. އެކަމަކު މިއީ މިހާރު "ބާރަށް ހިންގަވާ" ވަޒީރެކެވެ. މި ވަޒީރާބެހޭ ގޮތުން އުމަރު ޒާހިރު ވިދާޅުވަނީ ކީކޭ ހެއްޔެވެ؟

ޒާހިރު ވިދާޅުވި ގޮތުގައި މުއިއްޒަކީ އަޖައިބެއް ކަހަލަ ވަޒީރެކެވެ. މަސައްކަތުގައި މިހާތަނަށް ޒާހިރު ހައިރާންކޮށްލެއްވި ހަމައެކަނި ވަޒީރަކީ އެއީ އެވެ.

"މުއިއްޒަކީ ހަމަ އަޖައިބެއްކަހަލަ މިނިސްޓަރެއް، އޭނާގެ ބާރު އިސްޕީޑާއި ނެރޭ ނަތީޖާއިން އަޅުގަނޑު ހައިރާން ކޮށްލައިފި، ބަނދަރެއް ހެދިއަސް ބީޗެއް ހެދިއަސް އިމާރާތެއް ކުރިޔަސް ކޮންމެ ކަމެއްގައި ވެސް މުއިއްޒު ފެންނަނީ އަޖައިބެއްފަދަ ބޭފުޅެއްގެ ގޮތުގައި. އަވަހަށް މޮޅަށް ރީއްޗަށް މަސައްކަތް ނިންމާ ބޭފުޅެއްގެ ގޮތުގައި، އޭނާ އަޅުގަނޑު ހައިރާންކޮށްލައިފި،" އުމަރު ޒާހިރު ވިދާޅުވި އެވެ. "އެންމެ ކުރިން ވެސް މިއަދުވެސް އަޅުގަނޑު މުއިއްޒު ގާތުގައި ބުނަމުން އައި ވާހަކައަކީ އިސްޕީޑްގައި މޮޅަށް ކަންކަން ކުރަން. މިއަދު މުއިއްޒަކީ އެންމެން ބަލައިގަންނަ މިނިސްޓަރެއް. މިހާރު ވެސް މުއިއްޒުގެ މަސައްކަތް އަޅުގަނޑު ގާތުން ބަލަން، މިއަދުވެސް ބެލިން،"

މި މުއްޒަކީ ކާކު ހެއްޔެ؟ މުއިއްޒަކީ ރާއްޖެ ދުށް ވަރަށް ބޮޑު އިލްމުވެރިއެއް ކަމަށްވާ އުސްތާޒު ހުސައިން އަބްދުއް ރަހްމާނުގެ ބޭފުޅެކެވެ. ހިދުމަތްތެރިޔާ ވަށަފަރު އާދަމް އަބްދު ރަހުމާނު (އާދަމްބެ) އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

މުއިއްޒުގެ ބައްޕަ ރާއްޖޭގެ ޝަރުއީ ދާއިރާއަށާއި ދީނީ އިލްމުގެ ދާއިރާއަށް ވަރަށް ގިނަ ހިދުމަތް ކުރައްވައި ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ މިދިއަ އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގެން ހުންނަވަނިކޮށެވެ. ވަރަށް މަޑުމައިތިރި، އެކަމަކު ވަރަށް ސާބިތު ކަމާއެކު ބަސް ވިދާޅުވި އިލްމުވެރިއެކެވެ. ދީނީ އިލްމު ކުރިއަރުވައި ފެތުރުމުގެ ދާއިރާއިން ޝަަރަފުވެރި ކަމުގެ އިނާމު ހާސިލް ކުރެއްވި އެވެ. މިނިސްޓަރު މުއިއްޒުގެ މިޒާޖުން މުޅީން ދައްކައިދެނީ ހުސައިން އަބްދުއް ރަހުމާނުގެ މަޑު މައިތިރި ކަމާއި ސާބިތު ކަމެވެ. އޭނާގެ މަސައްކަތުން ދައްކައި ދެނީ އުމަރު ޒާހިރުގެ ހީވާގި ކަމާއި މަސައްކަތުގެ އަހުލާގެވެ.

އޭލެވެލް ނިންމެވުމަށްފަހު ސަރުކާރުގެ ވަޒީފާއެއް މުއިޒަށް ލިބި ވަޑައިގެންނެވީ އުމަރު ޒާހިރު ވަޒީރަކަށް ހުންނެވި ކޮންސްޓަރަކްޝަން މިނިސްޓްރީންނެވެ. އެހެން ކަމުން މުއިއްޒުގެ ގައުމީ ހިދުމަތް ފެށުނީ އުމަރު ޒާހިރުގެ އަތް ދަށުން އެ މަނިކުފާނުގެ އިރުޝާދާއެކު އެވެ. އެއީ 1997 ވަނަ އަހަރު އެވެ.

"އުމަރު ޒާހިރުގެ މިނިސްޓްރީއަށް އަޅުގަނޑު ވަޒީފާއަށް ދިޔައިރު، ފަހުން އެ މިނިސްޓްރީގެ ވަޒީރުކަން ކުރެއްވި މައުރޫފު ޖަމީލާއި ހައިދަރާއި ރަފީގު ވެސް އުޅުއްވާ ވަޒީފާގައި. އެބޭފުޅުން އޭރު އުޅުއްވަނީ ސީނިއާ ބޭފުޅުންގެ ގޮތުގައި އެ ލޭޔަރުގެ ދަށުން އަޅުގަނޑު މަސައްކަތުގައި އުޅުނީ،" ގައުމީ ހިދުމަތް ފެއްޓެވި ގޮތް މުއިއްޒު ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ އަރިހު މިނިސްޓްރީގައި މަސައްކަތް ކުރައްވަނިކަށް ލިބިވަޑައިގެންނެވި ސްކޮލާޝިޕެއްގައި މުއިއްޒު ވަޑައިގެންނެވީ އިނގިރޭސި ވިލާތަށެވެ. އިނގިރޭސިވިލާތުގައި ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލް ކުރެއްވުމަށްފަހު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ނަންގަވައިގެން މުއިއްޒު ރާއްޖެ ވަޑައިގެންނެވި އިރު މިނިސްޓްރީ އޮތީ ފޮތި ޖަހާލާފަ އެވެ.

"އިނގިރޭސި ވިލާތުން އަޅުގަނޑު އާއިރު މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް ބޯޑް އޮތީ އުފެދިފައި، ހައިދަރުމެން ރަފީގުމެން ތިއްބެވީ އެ އޮފީހުގައި. އަޅުގަނޑު ދާންޖެހުނީ ރަފީގުގެ ދަށުން އެތަނުގައި މަސައްކަތް ކުރަން،"

މާލެ އަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރި ހައުސިން އެންޑް އާބަން ޑިވެލޮޮޕްމަންޓް ބޯޑްގައި މުއިއްޒު ގާތްގަނޑަކަށް ތިން އަހަރު ދުވަހު މަސައްކަތް ކުުރެއްވި އެވެ. އެ ދާއިރާގެ ގިނަ ބޭފުޅުން ވަރަށް ބޮޑަށް މަޝްހޫރުވެ ވަޑައިގެންނެވި ނަމަވެސް މުއިއްޒުގެ ވާހަކައެއް އޭރު މީހަކު ނުދައްކަ އެވެ. ނުވެސް ފެނެ އެވެ. އެއީ އުޅުއްވާ ބޭފުޅެއް ކަމެއް ވެސް ނޭނގެ އެވެ.

"އެތާނގަ ތިން އަހަރު އުޅެފައި އަޅުގަނޑު އަނެއްކާވެސް ދިޔައީ އިނގިރޭސި ވިލާތަށް. އެއީ ޕީއެޗްޑީއަށް ކިޔަވަން އިނގިރޭސި ސަރުކާރުން ދިން ފުރުސަތެއްގައި، އަޅުގަނޑު ދިޔައިރު ބައެއް އަމިއްލަ ބޭފުޅުންގެ އެހީތެރިކަން ވެސް ލިބުނު. އެއީ 2005 ގައި. ފުރައިގެން ދިޔައިއިރު ފުރަތަމަ ފަހަރަށް ހައުސިން މިނިސްޓްރީ އުފެދި، މިނިސްޓަރަކަށް ހުންނެވީ ރަފީގު، ކޮންސްޓްރަކްޝަންގައި މައުރޫފު ޖަމީލް،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ވަޒީރުކަން މުއިއްޒަށް ލިބިވަޑައިގެންނެވީ ކުއްލި ގޮތަކަށް ސަރުކާރެއް ވެއްޓި ކުއްލިއަކަށް ވަޑައިގެންނެވި ރައީސެއްގެ ކެބިނެޓުންނެވެ. އޭގެ ފަހުން އާ ސަރުކާރެއް އައިސް މިހާރު އެއީ ރާއްޖޭގައި އޮތް އެންމެ ބިޔަ، އެންމެ ބޮޑު އެއް މިނިސްޓްރީ އެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ބިޔަ ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރެއިން ހިނގަ ހިނގާ އޮތް ގާތްގަނޑަކަށް ހަތަރު ބިލިޔަން ރުފިޔާގެ މަޝްރޫއުތަކާ ހަވާލުވެ ހުންނެވީ މުއިއްޒެވެ. އެ މަސައްކަތްތަކުގެ ހުރިހާ ދިމާއެއްގައި ހެނދުނަކަސް މެންދުރަކަސް ހަވީރާއި އިރާ ދަމާއި ދަންވަރު ވެސް މަސައްކަތުގެ ތެރޭގައި މުއިއްޒު ނޫޅުއްވާ ވަގުތެއް ނުދެ އެވެ. އެ ހުރިހާ ކަމަކާއި ސަރުކާރުގެ އެހެން ހުރިހާ ކަމެއްގެ ތެރެއިން މުއިއްޒު ފެނެ އެވެ. ޓީވީ ޕްރޮގްރާމެއްގައި މުއިއްޒު ނީންނަވާ ރެއެއް، އިންޓަވިއު އެއް ނުދެއްވާ ދުވަހެއް އާ ޕްރޮޖެކްޓެއްގެ އަޕްޑޭޓް ނުދެއްވާ، އަދި ޕްރޮޖެކްޓެއް ނިންމާ ނުލައްވާ ދުވަހެއް ވަރަށް މަދެވެ.

"މުއިއްޒު އިންވޯލްވާ ވަރަށް ގިނަ ޕްރޮޖެކްޓްތަކާ އެސްޓީއޯއާ ވެސް ގުޅުން އޮވޭ، އެ ޕްރޮޖެކްޓްތަކަށް ހުރޭ ވައިބާ ގްރޫޕްތައް ވެސް ހަދާފައި. އަޅުގަނޑު ހުންނަނީ ހައިރާންވެފައި އަބަދު މުއިއްޒު އުޅުއްވަނީ ކަންކަން ބެއްލެވުމުގައި. ކިތަންމެ ފަތިހާ ވައިބާ ބަލައިލިއަސް މުއިއްޒުގެ ސުވާލުތައް އުޅޭނެ، ޕްރޮޖެކްޓް ސައިޓްތަކަށް ދާއިރު ވެސް މިނިސްޓަރު އުޅުއްވާނެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ. ބައެއް ފަހަރާ އަޅުގަނޑު ހިތަށް އަންނަނީ ކުރީގެ ވަޒީރު އުމަރު ޒާހިރު، މިއީ ހަމަ އެކަހަލަ ބޭފުޅެއް،" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ފަދައިން އުމަރު ޒާހިރު ވެސް ވިދާޅުވި ގޮތުގައި މުއިއްޒަކީ ވާހަކަ އަށްވުރެ އަމަލު ގިނަ ބޭފުޅެކެވެ. އަދި ވިދާޅުވި އެވެ: "އަޅުގަނޑުގެ އޮންނަ ކަހަލަ ވާހަކައެއް މުއިއްޒުގެ ނޯވޭ. ކުރިން ވެސް މިހާރުވެސް ފެންނަނީ އެ ސިފަ އަބަދު ވެސް ބަލާނީ ގަޑިއަށް ކަން ނިންމޭތޯ، އޭނާގެ މަސައްކަތް ފެނިފައި އަޅުގަނޑު އުފާވޭ، އަދި އެހާ ހައިރާންވޭ،" އުމަރު ޒާހިރު ވިދާޅުވި އެވެ.

މުއިއްޒުގެ ޝަހުސިއްޔަތާ ބެހޭ ގޮތުން މުއިއްޒު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ވެސް ބަލަމާ ހެއްޔެވެ؟

"އަޅުގަނޑުގެ މިޒާޖަކީ އަޅުގަނޑުގެ ބައްޕަ އާއި މަންމަގެ މިޒާޖު. ބައްޕައަކީ ވަރަށް ސާބިތު ކަމާއެކު ކުރަންޖެހޭ ކަންކަން ކުރެއްވި ވަރަށް މަޑުމައިތިރި ކަމަށް ލޯބި ކުރެއްވި ބޭފުޅެއް. ކުރަން ނުޖެހޭ ކަންކަމުން ދުރުވެ ވަޑައިގެން ހައްގުގެ ގޮތުގައި އަޑު އުފުލުމަށް ބާރު އެޅުއްވި ބޭފުޅެއް، އެ މިޒާޖު އަޅުގަނޑުގެ ހުންނަ ކަމަށް އިހުސާސްވޭ،" މުއިއްޒު ވިދާޅުވި އެވެ. "ކުޑައިރުވެސް އަޅުގަނޑަށް ދަސްވެފައި އޮތީ ކުރާ ކަމެއްގައި ސާބިތުވެ ހުންނަން. ކުރަންޖެހޭ ކަމެއް ވީހާވެސް ފުރިހަމައަށް އޭގެ އެކްސެލެންސަށް ދާން އަދި އަބަދު ވެސް މައިދާނުގައި ދެމިހުނަށް ފަހު މީހާއަށްވާން. ސްކޫލުން ފެށިގެން މިއަދާ ހަމައަށް ދަސްވެފައި އޮތް ގޮތަކީ ސާބިތުވެހުރެ ކުރިމަތިލުން. ކަމެއް އަޅުގަނޑާ ހަވާލުވެއްޖިއްޔާ ބޭނުންވަނީ ވަރަށް ފުރިހަމައަށް އެކަމެއް ކުރަން އަދި ވަގުތަށް ނިންމާއިރު އެކަމެއްގައި އަޅުގަނޑުގެ ބައިވެރިވުން އޮންނަން، އެއީކަން ނޭނގެ މިޒާޖަކީ،"

މުއިއްޒު ވިދާޅުވި ގޮތުގައި ކަންކަން ކުރާއިރު އޭނާ ބައްލަވަނީ އޮންނަ ގޮތަށް ތެދަށް ކަންކަން ވިދާޅުވާށެވެ. ވިދާޅުވާންޖެހޭ ވާހަކަ ވިދާާޅުވާންޖެހޭ ވަގުތުގައި ވިދާޅުވާށެވެ.

"އަޅުގަނޑުގެ ދަށަށް ތިބޭ މީހުންގެ ބައިވެރިކޮށްގެން އެކަމެއް ފުރިހަމަ ކުރުން އެއީ ބޭނުންވާ ގޮތް. މާލޭގައި މި ކުރެވޭ މަސައްކަތްތައް ވެސް އަދި ބައެއް މީހުން ވަރަށް ކޮންޓްރަވާޝަލް ކޮށް ދެކޭ މަސައްކަތްތަކާ ވެސް އަޅުގަނޑު ކުރިމަތިލަނީ ސާބިތުވެ ހުރެގެން. އެކަންކަން ނިންމަނަނީ ވެސް ސާބިތު ކަމާއެކު އަޅުގަނޑުގެ ފިލޯސަފީކީ ސާބިތުކަމާ ކެތްތެރިކަން، ރައީސް ޔާމީންގެ ކިބައިން ވެސް އަޅުގަނޑަށް ފެންނަނީ އެ ސިފަ،"

މުއިއްޒު ވިދާޅުވި ގޮތުގައި ވަޒީރެއްގެ ގޮތުން ވެސް އަދި ކުރިން ސަރުކާރު މުވައްޒަފެއްގެ ގޮތުގައި ހުންނެވި އިރުވެސް އޭނާ ދުވަހުން ދުވަހަށް ކުރައްވާ ކަންކަން މިނިސްޓަރު އުމަރު ޒާހިރުގެ "ތޫނު ލޮލުން" ބައްލަވަ އެވެ. އޭގެ ސަބަބުން ހިތްވަރު ލިބި ވަޑައިގަންނަ އެވެ.

"އަޅުގަނޑު ކުރާ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އުމަރު ޒާހިރު ވަރަށް ގާތުން ބައްލަވާނެ، ވަރަށް މަދުން އަޅުގަނޑު ގާތުގައި ކަންކަން އައްސާވާނެ، އަދި ވަރަށް ގިނައިން ވަޒީރު މި މިިނިސްޓްރީގައި އުޅުއްވެވި އިރު އެކުގައި އުޅުއްވި އަދި މިހާރުވެސް ވަޒީފާގައި ތިއްބެވި ބޭފުޅުންގެ ކިބައިން އަޅުގަނޑުގެ މަސައްކަތް ދާގޮތް އައްސަވާ ބައްލަވާ ހައްދަވާ. އެބޭބޭފުޅުންނާ ގުޅިވަޑައިގެން އަޅުގަނޑާ މިނިސްޓްރީގެ މަސައްކަތްތަކާއި ޕްރޮޖެޖްޓްތައް ދާގޮތް ބައްލަވާ. މިހާރުވެސް ކިތަންމެ އާދައިގެ މަސައްކަތެއް ވިޔަސް ބަރާބަރަށް ބައްލަވާ. އަޅުގަނޑަށް ގުޅުއްވާނެ މަސއްކަތަކާ ގުޅިގެން އިރުޝާދާއި ހިތްވަރު ވެސް ދެއްވާނެ، އަޅުގަނޑު ދެކޭ ގޮތުގައި ކުރާ ކަމެއްގައި އެކްސެލެންސް ނެރެން ބޭނުމިއްޔާ އުމަރު ޒާހިރު ފޮލޯ ކުރަން ޖެހޭ. އެމަނިކުފާނުގެ ކިބާގައި ހުންނަ ކަމެއް އަމިއްލައަށް ކަމުގައި ބައިވެރިވުން އެއީ. އަޅުގަނޑަށް ދަސްވެފައި ހުރީ އެގޮތް. ޑެލިގޭޓްކޮށްފައި ދުރުގައި ހުރުން އެއީ އުމަރު ޒާހިރުގެ ސިފައެއް ނޫން،"

މިނިސްޓަރު ވިދާޅުވި ގޮތުގައި ޑެލިގޭޓްކޮށް ދުރަށް ވަޑައިގެންފިނަމަ އުނދަގޫ މަރުހަލާތަކެއްގެ ތެރެއަށް ކަންކަން ވަދެގެންދެ އެވެ. އެ ގޮތުން މަސައްކަތުގެ ބުރެކި ޖެހުމާއި ކުރިޔަށްދާންވީ މަގު ސާފު ނުވުން ފަދަ އޮޅުން ބޮޅުން ވުމުގެ މަރުހަލާތަކެއްގެ ތެރެއަށް ދެއެވެ. އެހެން ކަމުން ބައްލަވަނީ އަބަދުވެސް މައިދާނުގައި ހުންނެވުމަށެވެ.

"ދުވާލާ ރޭގަނޑުގެ ވަރަށް ގިނަ ވަގުތު އަޅުގަނޑު ހުންނާނަން މަސައްކަތުގައި އެގޮތަށް ހުންނަނީ ވީހާވެސް ފުރިހަމައަށް ކަންކަން ކުރަން ރައީސް ޔާމީން އަޅުގަނޑާ ވަޒީރުކަން ހަވާލު ކުރީ ވަރަށް ބޮޑު އުންމީދެއްގައި ވަރަށް ބޮޑެތި ކަންކަން ޑެވިލާ ކުރުމަށް ވަރަށް ހައި ސްޓޭންޑަޑެއް ސެޓް ކުރައްވާފައި އަޅުގަނޑުގެ އަޒުމަކީ ރައީސްގެ އެ ވިޒަން ހަގީގަތަށް ހަދައިދިނުން. ރައީސް މައުމޫނާއެކު އުމަރު ޒާހިރުގެ ކާމިޔާބީއަކީ ވެސް އެއީ. އުމަރު ޒާހިރުގެ ހިތްވަރު ދެއްވުމާ އެއްވަރަށް އަޅުގަނޑުގެ އާއިލާ، ހާއްސަކޮށް އަންހެނުން ވެސް ވަރަށް އެހީތެރިވެދޭ،"

އަނބިކަނބަލުންނާއެކު ހަ އަހަރުގެ ބޭފުޅަކާއި 11 އަހަރުގެ ބޭފުޅެއްގެ ކުޑަކުޑަ އާއިލާއެއް މުއިއްޒުގެ އެބައޮތެވެ. އެކަމަކު އާއިލާއަށް ދޭން ލިބި ވަޑައިގަންނަވަނީ މުއިއްޒުގެ ކަލަންޑަރުން ވަރަށް މަދު ދުވަހެއްގެ ވަރަށް ކުޑަކުޑަ ވަގުތުކޮޅެކެވެ. މުއިއްޒު ވިދާޅުވާ ގޮތުންނަމަ އެ އާއިލާއަކީ ވަރަށް ކެތްތެރި، ޝަކުވާއެއް ނެތް އާއިލާއެކެވެ.

"ކުދިންނާ އަންހެނުންނާ ދުރުގައި މަސައްކަތުގައި އަބަދު އުޅެވެނީ. ގެއަށް ދެވުނަސް ގިނަ ވަގުތު އިންނަން ޖެހެނީ ފޯނުގައި! ވައިބާ ގްރޫޕްތަކުގައި މަސައްކަތްތައް ދާގޮތް ބަލައި އޮބްޒާވް ކުރަން. ވައިބާ އޮންނަނީ ގާތްގަނޑަކަށް އަޅުގަނޑު ހައިޖެކްކޮށްފައި. ބައެއް ސައިޓްތަކުގައި ދަންވަރު 12:00 ގައި ފަހުން ވެސް އުޅެންޖެހޭ އަޅުގަނޑު އުޅެން، އެހެވީމާ އާއިލާއަށް އޮންނަނީ ކުޑަކުޑަ ވަގުތުކޮޅެއް، އެ ގޮތް ރަނގަޅެއް ނޫން، އެކަމަކު ނަތީޖާ ނެރެން ގުރުބާނީއެއް ވެސް ވާންޖެހޭ،" މުއިއްޒު ވިދާޅުވި އެވެ. "ހުކުރު ދުވަހު ވަގުތު ދެވޭތޯ ބަަލަން ކޮންމެވެސް ވަރަކަށް އެކަހަލަ ދުވަހެއްގައިވެސް ހަފުލާއަކަށް، އެނޫން ތަނަކަށް ދާންޖެހިދާނެ އެކަހަލަ ވަގުތެއްގައި ކުދިން އަހާނެ ބައްޕަ އަނެއްކާ ދަނީހޭ؟ އެކަމަކު މިހާރު ދެން ތިބެނީ އެގޮތަށް އާދަވެފައި،"

މުއިއްޒު ވިދާޅުވާ ގޮތުގައި އާއިލާގެ އެ ގްރުބާނީގެ ތެރޭ ހުންނަވާއިރު ރައީސް ޔާމީން ސެޓް ކުރައްވައި ހަވާލު ކުރެއްވި އެޖެންޑާ ހާސިލްވަމުން އަންނަ ކަމުގެ އިހުސާސް ކުރެއްވެ އެވެ. އެކަން ކުރެއްވެނީ އުމުރު ޒާހިރެކޭ އެއްގޮތަށް ރައީސް ޔާމީންގެ ގައިޑެންސާއި އާއިލާ އާއި މިނިސްޓްރީގެ މުވައްޒަފުންގެ އެހީތެރިކަމާއެކު އެވެ.

މިނިސްްޓްރީގެ ބައެއް ވެރިންނާއި މުވައްޒަފުން ބުނާ ގޮތުގައި ފަތިހު ވެސް ސައިޓްތަކަށް މިނިސްޓަރު ވަޑައިގަންނަވަ އެވެ. ކުއްލިއަކަށް ދަންވަރުވެސް ވަޑައިގެންފާނެ އެވެ. ކުއްލިއަކަށް ކަންކަން ފައްޓަވާފާނެ އެވެ. މި އިންޓަވިއު ހޯދަން ހައުސިން މިނިސްޓްރީއަށް ދިޔައިރު ފުރަތަމަ މުއިއްޒާ ބައްދަލުވާ ގޮތެއް ނުވި އެވެ. ބިޒީ ކަމުންނެވެ. މިނިސްޓްރީގެ ތެރެއިން އިވެނީ ވަޑާންގެއަކުން އިވޭކަހަލަ އަޑުފައްގަނޑެވެ. ފުރަތަމަ ބައްދަލުވީ ދުވަސްވީ މުވައްޒަފަކާއެވެ. ސަމާސާކޮށްލުމުގެ ގޮތުން މިނިސްޓަރު ކޮބައިހޭ އެހީމާ އޭނާ ދިން ޖަވާބަކީ މިއީ އެވެ: "ވާނީ މިއޮއް ތަޅާ ތަނުގެ ތެރޭގައި މިނިސްޓަރު ހުންނަވާނީ މަސައްކަތުގެ ތެރެއަށް ވެދެވަޑައިގެން،"

މިނިސްޓަރާ ބައްދަލުވީ އިރުގަނޑެއް ފަހުންވެ. ފައިލްތައް ހިފައިގެން އަށެއްކަ މީހުން އޭރު ވެސް ކިޔޫގައި ތިއްބެވެ. ބިޒީ މިނިސްޓަރެކެވެ. މިނިސްޓަރުގެ ގައިޑެންސް އަޑު އަހާފައި ހުރިހާ ކަމެއް ތިވަރަށް ކޮންމެ ދުވަހަކު ބައްލަވަންތޯ ސުވާލު ކުރުމުން ވިދާޅުވީ މިހެނެވެ:

"އަޅުގަނޑު ބޭނުންވާ ވަރާ ގާތަށް ވެސް ނުބެލޭ، އަޅުގަނޑު ބޭނުންވޭ ވީހާވެސް ގިނަ ވަގުތަކު ކަންކަން ބަލަން. އެކަމަކު މި ބެލެނީ މާލޭގެ މަސައްކަތްތައް. އަސްލުގައި ގިނަ މަސައްކަތް އޮތީ އަތޮޅުތަކުގައި އެތަންތަނަކަށް ފިޒިކަލީ އެވަރަކަށް ނުދެވޭ! ވައިބާ އާއި މީޓީންތަކާއި ފޯނާއި އެނޫން ވަސީލަތްތަކުގެ ތެރެއިން އަޕްޑޭޓްވަނީ އެއީ އަޅުގަނޑަށް ނުކުރެވި އޮތް ކަމެއް. އަޅުގަނޑު ބޭނުންވޭ ޓެކްނޮލޮޖީގެ އެހީގައި އެކަންކަމަށް ސީދާ އަޅުގަނޑު އެޓެންޑްކޮށް ބެލޭނެ ނިޒާމެއް ގާއިމް ކުރަން،" މިނިސްޓަރު ވިދާޅުވީ އެވެ

ބޮޑެތި މަސައްކަތްތައް މުއިއްޒުގެ ލޯ މަތިން ދުރުގައި ހުރި އިރު މާލޭގައި ކުރިޔަށް ދަނީ ނިސްބަތުން މަދު އެކަމަކު ބިޔަ މަސައްކަތްތަކެކެވެ. އެކަންކަން ބަލަން މުއިއްޒު ބޭނުން ވަނީ މިޒަމާނުގެ އުސޫލުތަކެވެ. ކުރިން ހީކުރެވިފައި އޮތް ގޮތާ ހިލާފަށް މުއިއްޒު ބޭނުންފުޅުވަނީ މުޅި ހައުސިން މިނިސްޓްރީގެ ނިޒާމު ފުށުން ޖަހައިލާށެވެ. މުޅިތަން ޓެކްނޮލޮޖީގެ އާ ޒަމާނެއްގެ ތެރެއަށް ގެންދާށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރާ މަސައްކަތް ރައްޔިތުންނާ ހަމައަށް ގެންދެން ޖެހޭނެ އެވެ. އެކަން މިހާރު ކުރެވޭނީ މިނިސްޓަރު "ހައިޓެކް" ވެގެނެވެ.

"ކުރާ ކަމެއް ރައްޔިތުންނާ ހަމައަށް ގެންދަންޖެހޭ އެހެން ބަލާއިރު މިހާރުގެ ގެންދަންޖެހޭނީ ޓްވިޓާ އާއި ފޭސްބުކް ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔައިދީގެން އަޅުގަނޑުގެ ޒިންމާއެއް އެއީ! ރައީސް ޔާމީންގެ މެނިފެސްޓޯ ވަރަށް ބޮޑު. އަޅުގަނޑަށް މިއޮތީ އުމްރާނީ ތަރައްގީގެ ބޮޑުބައި އެކަންކަން އަޅުގަނޑަށް ނުވަންޏާ އަޅުގަނޑުގެ ބޭނުމެއް ނެތް ސަބަބަކީ އޭރަށް ރައީސްގެ ވައުދުތައް ހާސިލްވާވަރު އޮންނާނީ ރައްޔިތުންނަށް ނޭނގި. އަޅުގަނޑު ބޭނުންވާ ލެވެލްއާ ގާތަަށް ވެސް އެކަމެއް ނުކުރެވޭ މީޑީއާ އިތުރަށް ގާތްވާން ޖެހޭ. އަޅުގަނޑުވެސް އެހެން ވަޒީރުން ވެސް. ޕީއާރް ރަނގަޅުވާން ޖެހޭ ރައީސް ޔާމީން ސަރުކާރު އެޗީވް ކުރާ މިންވަރު ރައްޔިތުންނާ ހަމައަށް ގެންދިއުމުގައި ކުރެވޭ މަސައްކަތާމެދު އަޅުގަނޑު ހިތްހަމައެއް ނުޖެހޭ. އަދި ދެ ތިން ގިއަރު އަޅުގަނޑު ޖެހޭ މައްޗަށް ޖައްސަން،"

މިހާރު ގޭގައި ތިބި ތިންމައިންނަށް ވަގުތު ނުދެއްވޭއިރު ތިން ގިޔަރު މައްޗަށް ޖައްސައިފިވިއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އެ ތިންމައިންނަށް ސިކުންތެއް ވެސް ނޯންނާނެ އެވެ. އެ ވާހަކައިން ސުވާލު ދެންނެވުމުން އިރުކޮޅަކަށް މުއިއްޒު ހުއްޓުނެވެ. ކުޑައިރުކޮޅަކުން ދެއްވީ ކުރިން ވެސް ދެއްވި ޖަވާބެވެ. "ކަމެއް ހާސިލު ކުރަން ގުރުބާނީއެއް ވެސް ވާން ޖެހޭނެ" އޭ އެވެ.

މުއިއްޒު ހުންނެވީ ގޯލެއް ސެޓް ކުރައްވައިގެންނެވެ. އެއީ ވަޒީރުކަން ދެއްވި ދުވަހު ހަވާލުކުރި އެޖެންޑާ ފުރިހަމައަށް ބަރާބާރަށް ނިންމާލުމާއެކު ރައްޔިތުންނަށް އެކަން ގަބޫލު ކުރެވޭވަރު ކޮށްދެއްވުމެވެ.

"އަޅުގަނޑުގެ އެބަހުރި ބައިވަރު ކަންކަން ރަނގަޅު ކުރަންޖެހޭ. އެކަން ކޮށްގެން މި ފަސް އަހަރު ނިމޭއިރު އަޅުގަނޑުގެ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ނިންމާނަން، ބޮޑެތި ރާޅު ހުރީ އަޅުގަނޑަށް... ބްރިޖާ އެކީގައި ހަތަރު ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު އަޅުގަނޑުގެ ޒިންމާގައި އެބައޮތް. ކުރިއަށް އޮތް ދެ އަހަރަށްވެސް އިތުރު ބޮޑެތި ކަންކަން އަދި އޮތީ. އަޅުގަނޑު މިހުރީ ތައްޔާރުވެގެން. ގައުމަށްޓަކައި އަދި ރައީސް ޔާމީންގެ ވައުދުތައް ފުއްދައިދިނުމަށް މައިދާނުގައި ފަހު ވަގުތާ ހަމަށް ހުންނާނަން،" މުއިޒު ވިދާޅުވި އެވެ. "މަޝްވަރާކޮށް ޓީމެއްގެ ގޮތުގައި ނޫނީ ކާމިޔާބެއް ނުހޯދޭނެ އެންމެންގެ ކަމެއްގެ ގޮތުގައި އިހުސާސް ކޮށްދީގެން ކަންކަން ހާސިލް ވާނީ. އަޅުގަނޑާ ހަވާލުވެފައިހުރީ ވަރަށް ގިނަ ބަޔަކު ސާމިލްވާ ކަންކަން އެހުރިހާ ފަރާތެއް އޮންބޯޑްކޮށް މޯޓިވޭޓްކޮށްގެން ދާންޖެހެނީ. އެކަން ކުރެވޭނީ އަޅުގަނޑު ގަޑިއަށް ނުކުމެ އެއްކޮޅުގައިހިފައި އެބައަޔަކަށް ހައްގު މަގާމު ވެސް ދީގެން"

މަސައްކަތުގައި ދިވެހިން އުމަރު ޒާހިރުގެ ވާހަކަ ދައްކާނެ ފަދައިން މުއިއްޒުގެ ވާހަކަ ދައްކަންޖެހޭވަރު މިހާރުވެސް ކުރައްވައިފި އެވެ. އެ ހަމަ މުޅީން ޔަގީނެވެ. މުއިއްޒު "ރަނގަޅެ" ވެ.