ހަބަރު

ހަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެ ތަންފީޒު ކުރަންފަށައިފި

Mar 24, 2016
3
  • އިތުރު ފަސް މީހެއްގެ މައްޗަށް އަމުރު ނެރެން ވަނީ އެދިފައި
  • އަމުރު ނެރު މީހުންގެ މައްޗަށް މިހާރު ދަނީ ތަންފީޒު ކުރަމުން
  • މި 11 މީހުންނަކީ އެންމެ ނުރައްކާތެރި މީހުން

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން 11 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެން ހޯމް މިނިސްޓަރު ނިންމެވުމާއި ގުޅިގެން މިހާތަނަށް އޭގެ ތެރެއިން 6 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ހައިކޯޓުން ނެރެ ފުލުހުން އެ އަމުރު ތަންފީޒުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މޮނިކޮން އަމުރު ނެރުމަށް ހޯމް މިނިސްޓަރު އުމަރު ނިންމަވާފައިވަނީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ 11 މީހެއްގެ މައްޗަށް ކަމަށެވެ.

އަދި ބުނީ މޮނިކޮން އަމުރު މިހާތަނަށް ނެރެފައިވާ ހަ މީހެއްގެ މައްޗަށް ކަމަށާއި އެ ހަ މީހުންނަކީވެސް ގްރޫޕް ހަދައިގެން މުޖުތަމަޢަށް ނުރައްކާފަދަ ބޮޑެތި ކުށްތައް ތަކުރާރުކޮށް ކުރަމުން އަންނަ މީހުން ކަމަށެވެ. މީގެ އިތުރުން ގްރޫޕް ހަދައިގެން ނުރައްކާތެރި ކުށްތައް ތަކުރާރުކޮށް ކުރާކަމަށް ފާހަގަކުރެވިފައިވާ އަނެއް ފަސް މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދެއްވުން އެދި ފުލުހުން ވަނީ މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ

ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގައި މި ހަމީހުން މޮނީޓަރކުރުމުގެ ގޮތުން ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާއި ދެމެދު ގެއިން ބޭރަށް ނުދިއުމާއި، މިނިސްޓަރު އުމަރު ނަސީރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން ހިމެނޭ އިރު އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި، ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި، އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަރކޮށް ކޮންޓްރޯލްކުރުން ހިމެނެ އެވެ.


ހައިކޯޓުގެ އަމުރާއެކު ފުލުހުން ވަނީ ހަ މައްޗަށް މިއަމުރު ތަންފީޒް ކުރަން ފަށާފަ އެވެ. މިގޮތުން މި އަމުރު ތަންފީޒް ކުރަމުންދާ ހަ މީހުންނަކީ މ. ލިލީޕާކް ފަޒީލް ޙަމީދު 25، އާއި، ގ. ކެރަފާގެ މުޙައްމަދު ޝާބިލް އިސްމާޢީލް 23، އާއި، ދަފްތަރު އާރު އެސް. 9634 މިދުހަތު އަބޫބަކުރު 20، އާއި، ގއ. ދާންދޫ ފަހުދާ ވާދީ، ފައްސާން ވަލީދު 20، އާއި، މ. ހިއްސާ، ޢާޠިފް ޢަބްދުލް ޙަލީމް 24، އާއި، ދަފްތަރު ނަމްބަރު ޑީ.އެޗް.އާރު. 1475، އަޙްމަދު ރިޒާމް 26، އެވެ. އަހުމަދު ރިޒާމަކީ ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ މީހެކެވެ. އޭނާ ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ. ދޫކޮށްލި މައްސަލަ ފުލުހުން އިސްތިއުނާފުކުރަން މަސައްކަތް ކޮށްފައިވީ ނަމަވެސް އެ މައްސަލަ އިސްތިއުނާފުކުރެވިފައެއް ނުވެ އެވެ. އެއީ ޝަރީއަތް ހިނގަމުން ދަނިކޮށް ބަންދާމެދު ނިންމާ ގޮތް ދައުވާލިބޭ ފަރާތަށް ނޫނީ ދައުލަތަށް ވެސް އިސްތިއުނާފުކުރެވެން ނެތީމަ އެވެ.


މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ޤާއިމް ކޮށްފައެވެ. މިގޮތުން މި މީހުންނަށް މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބަލަހައްޓާނެ އެވެ.

"ތަކުރާރުކޮށް ކުށްކުރާ އަދި ޚާއްސަކޮށް ވަކި ސަަރަހައްދުތަކަށް އެއްވެ ތިބެ އެސަރައްދުގައި އުޅޭ މީހުންނަށް ފުރައްސާރަކޮށް އުނދަގޫކޮށް ތަފާތު ކުށްތައް ކުރަމުންދާ ބަޔަކާއި މެދު މިފަދަ ފިޔަވަޅުތަކެއް ތަންފީޒުވެގެން ދިއުމަކީ އާއްމު ރައްކާތެރިކަމާއި އަމަން އަމާންކަން އިތުރުވެގެން ދާނެކަމެއްކަމުގައި ފުލުހުން ފާހަގަކުރަމެވެ. އަދި މިއަމުރާއި ޚިލާފްވާ ފަރާތްތަކައި މެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ." ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.