މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ -- ތިލަމާލެ ބްރިޖުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖު މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ޕިއާ ކޮލަމްސް އެޅުމުގެ މަސައްކަތާއި އަދި ސުޕަ ސްޓްރަކްޗަގެ ސެގްމެންޓްސް ލޯންޗް ކުރުމުގެ މަސައްކަތް ކަމަށެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގައި މާލެއިން ގުޅީފަޅަށް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމުމަށް ތާވަލުކޮށްފައިވާއިރު ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ނިންމުމަށް ވަނީ ކަނޑައަޅާފަ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ތިލަމާލެ ބްރިޖު މަޝްރޫއަށް ޖީއެސްޓީ ނުހިމެނޭހެން މިހާތަނަށް 251 މިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 2، 2022 ގައެވެ. ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާ އިންނެވެ.