ހަބަރު

އީރާނު ރެޕަޓުއާގެ މަގާމަށް އިތުރު ހަ އަހަރަށް ޑރ. ޝަހީދު

އދ.އިން އީރާނަށް ކަނޑައަޅާފައި ހުންނަ ސްޕެޝަލް ރެޕަޓުއާ އޮން ހިއުމަން ރައިޓްސްގެ މަގާމުގައި އިތުރު ހަ އަހަރު ދުވަހަށް ޑރ. ޝަހީދު ހުންނެވުމަށް ފާސްކޮށްފި އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން މިގޮތަށް ފާސްކޮށްފައިވާއިރު މި މަގާމަށް ޑރ. ޝަހީދު އެންމެ ފުރަތަމަ އައްޔަންކުރެއްވީ 2011 ވަނަ އަހަރު އެވެ. ޑރ. ޝަހީދު މި މަގާމުގައި އިތުރު ހަ އަހަރު ދުވަހަށް ހުންނަން ފެނޭތޯ ވޯޓު ނެގީ ޖެނީވާގައި އޮތް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 31 ވަނަ ސެޝަންގަ އެވެ. މި ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެ އެވެ.

ޝަހީދު މަގާމުގައި ބެހެއްޓުމަށް ވޯޓު ދިނީ 20 ގައުމަކުންނެވެ. ބަހައްޓަން ނުފެންނަ ކަމަށް 15 ގައުމަކުން ވޯޓު ދީފައިވެ އެވެ. ވަކި ކޮޅަކަށް ވޯޓު ނުދީ ތިބީ 11 ގައުމަކުންނެވެ.

ޑރ. ޝަހީދު މަގާމުގައި ބެހެއްޓުމަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގަިއ ރާއްޖެ ނުހިމެނޭއިރު އެގޮތަށް ވޯޓުން ދިން ގައުމުތަކުގެ ތެރޭގައި ސައުދި އަރަބިއްޔާ ޔޫއޭއީ އަދި ގަތަރު ފާހަގަކޮށްލެވެ އެވެ. ޝަހީދަށް ނޫނެކޭ ބުނި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޕާކސްތާން، ރަޝިއާ، ޗައިނާ އަދި އިންޑޮނޭޝިއާ ފާހަގަކޮށްލެވެ އެވެ.

ވަކިކޮޅަކަށް ވޯޓު ނުދޭ ގައުމުތަކުގެ ތެރޭގައި، ރާއްޖޭގެ އިތުރުން ގާނާ، އިތިއޯޕިއާ، ކޮންގޯ، ނެމީބިއާ އަދި ނައިޖީރިއާ ފާހަގަކޮށްލެވެ އެވެ.