ހަބަރު

ފުލުހުންގެ ނަމުގައި ގުޅައިގެން މަކަރުން ފައިސާ އަތުލަނީ

ފުލުހުންގެ މުއައްސަސާގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ. ފުލުހުން ބުނީ އެ މުއައްސަސާގެ ނަމުގައި ގުޅައި ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ގެނެވިފައި ތިބޭ މީހުންގެ ނަންނަމުގައި ފައިސާގެ މުއާމަލާތު ކޮށްފައިވާ ކަމަށް ބުނެ އެކަމުން ސަލާމަތްވާން ބޭނުންނަމަ ވަކި އަދަދަކަށް ފައިސާ ހޯދަން އެދެމުންދާ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އަދަދަށް ފައިސާ ހޯދަން އެމީހެއްގެ ބެންކް އެކައުންޓްގެ މައުލޫމާތު ހޯދުން ފަދަ ކަންކަން ކޮށްފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށާއި ފުލުހުންގެ މުއައްސަސާއިން ފޯނުން ގުޅައި ފައިސާގެ އެފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ.

މީގެއިތުރުން އެކިއެކި ޕްރޮމޯޝަން ތަކުގެ ނަމުގައި ގުޅައި ޕްރޮމޯޝަން ކާމިޔާބު ކުރެވުނުކަން ހާމަކޮށްދީ ބެންކަށްގޮސް އޭޓީއެމްތަކުން ސްލިޕް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ރީލޯޑް ކޮށްދިނުމާއި ރާސްޓަސް ފޮނުވައިދިނުމަށް އެދުމުން އެކަންއެގޮތަށް ކޮށްދީ ބޮޑެތި އަދަދުތަކުން ފައިސާ އަތުލަމުންދާ މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށް ބަޔާނުގައިވެ އެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން ކުރާ ފޯނުކޯލްތަކަށް އިޖާބަދީ ބައެއް ފަރާތްތަކުން އެފަރާތްތަކުގެ އެކައުންޓުގައި ހުންނަ ފައިސާ މިދެންނެވިގޮތަށް ފޯނުކުރާ މީހުން އެދޭގޮތަށް ފޮނުވަމުންދާ މައްސަލަ ދަނީ ހުށަހެޅެމުންދާ ކަމަށްވެސް ބުންޏެވެ.

މަކަރާއި ހީލަތުން މިގޮތަށް އޮޅުވާލައިގެން އަތުލާ ފައިސާ އަނބުރައި ލިބެމުންނުދާއިރު މިފަދަ ކަންކަމަށް ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް ހޭލުންތެރިވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

"ނުދަންނަ މީހަކު ގުޅިޔަސް، އަދި ތިމާއަށް ފޯނުކުރާ މީހަކު ކިތަންމެ އަގުހުރި އިނާމެއް ދޭން ހުށަހެޅިޔަސް، ނޫންނަމަ ކިތަންމެ ބޮޑު މާލީ ތަނަވަސްކަމެއް ލިބޭނެ ކަމަށް ބުނިނަމަވެސް އެފަދަ ފޯން ކޯލްތަކުގައި އެދޭފަދައިން ފައިސާގެ މުއާމަލާތެއް ނުކުރުމަށް އިލްތިމާސް ކުރަމެވެ.
މިކަންކަން ހައްލު ކުރެވި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ އަތުލުން ހުއްޓުވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމުގައި މިފުރުސަތުގައި ވެސް ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.