ހަބަރު

ތައިލެންޑްގައި ދިވެހި ވިޔަފާރިވެރިންނަށް ހާއްސަ އޮފީހެއް ހުޅުވަން އެދެފި

Mar 24, 2016
  • ތައިލެންޑް ވިސާ ފަސޭހަކޮށްދޭން އެދިވަޑައިގެންނެވި
  • ތައި އިންވެސްޓްމަންޓްތައް އިތުރު ކުރަން އެއްބަސްވި
  • ހިއުމަންޓް ޓްރެފިކިން ހުއްޓުވަން އެއްބަސްވުންތަކެއް އެކުލަވާލި

ތައިލެންޑްގެ ވިސާ ދިވެހިންނަށް ފަސޭހަ ކުރުމަށާއި އެ ގައުމުގައި ރާއްޖޭގެ ޓްރޭޑް އޮފީހެއް ހުޅުވުމުގެ މަޝްވަރާތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެ ގައުމުގެ އިކޮނޮމިކް މިނިސްޓަރާ އެކު ކުރައްވައިފި އެވެ. އަދި ތައި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ތައިލެންޑަށާއި އިންޑޮނޭޝިޔާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓަރު މިއަދު ވަނީ ތައިލެންޑްގެ ކޮމާސް މިނިސްޓަރާ މެންދުރު ފަހުގެ ވަގުތެއްގައި ބައްދަލު ކުރައްވާފައި ކަމަށެވެ. އެ ބައްދަލުވުމުގައި ސައީދު މައިގަނޑު ގޮތެއްގައި ބާރު އެޅުއްވީ އެ ގައުމަށް ގިނަ ދިވެހިން ދަތުރު ކުރާތީ މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ދިވެހިންނަށް ވިސާގެ ކަންކަން ހަމަޖެއްސުމާ މެދުގައި ކަމަށެވެ. އެ ގައުމަށް އަންނަ ގިނަ ދިވެހިންނަކީ ވިޔަފާރިވެރިންނަށް ކަމަށް ވާ އިރު، ދިވެހި ވިޔަފާރިވެރިންނަށް އެ ގައުމުގެ މައުލޫމާތުތައް ދިނުމަށް ޓްރޭޑް ފެސިލިޓޭޝަން އޮފީހެއް ތައިލެންޑްގައި ގާއިމް ކުރުމަށް ފުރުސަތު ދެއްވުމަށް މިނިސްޓަރު އެދިވަޑައިގަތް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. މީގެ އިތުރަށް ތައިލެންޑަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ތައިލެންޑްގެ ބޯޑް އޮފް އޮންވެސްޓްމަންޓްސްއާ މިނިސްޓަރު ބައްދަލު ކުރައްވައި، ތައި އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރު ކުރުމަށް ބާރު އަޅުއްވައި އެކަމުގެ ޔަގީންކަން ހޯއްދެވި ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓަރު އިއްޔެ ހޭދަ ކުރެއްވީ އިންޑޮނޭޝިޔާގަ އެވެ. އެ ގައުމުގެ ބާލީގައި ބޭއްވި، 6 ވަނަ މިނިސްޓީރިއަލް ކޮންފަރެސް އޮފްދަ ބާލީ ޕްރޮސެސް ގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު މިނިސްޓަރު ވަނީ އެ ގައުމުގެ ގިނަ މިނިސްޓަރުންނާއި ވިޔަފާރީގެ ދާއިރާގެ ބޭފުޅުންނާ ބައްދަލު ކިުރައްވައިފަ އެވެ. މިނިސްޓަރު ސައީދު ވަނީ އިންޑޮނޭސިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ އާއި ތައިލޭންޑްގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މިސްޓަ ވިރަސަކަޑި ފުޓްރަކުލްއާ ބައްދަލު ކުރައްވައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނި ގޮތުގައި މިފަހަރު ބޭއްވުނު ކޮންފަރެންސް ވަރަށް ކާމިޔާބެވެ. އެގޮތުން އިންސާނުންގެ ވަގު ވިޔަފާރި އާއި އެއްގައުމުން އަނެއް ގައުމަށް ވަގަށް މުދާ އެތެރެ ކުރުމާއި މިކަމާ ގުޅުންހުރި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާފަދަ ކަންކަން ހުއްޓުވުމަށް އެއްބަސްވުންތަކަށް އާދެވުނެވެ. އެފަދަ ޙާދިސާތަށް ހިންގުމުން އެކަމަށް ފަސޭހައިން ފިޔަވަޅު އެޅޭނެ ނިޒާމެއް ޤައުމުތަކުގެ މެދުގައި ޤާއިމް ކުރުން އަދި އުސޫލެއް ނެތި ގައުމުތަކަށް މީހުން ހިޖުރަކުރުން ހުއްޓުވުމާ ބެހޭގޮތުން ފުރަތަމަފަހަރަށް މިނިސްޓަރުންނަށް އެއްބަސްވުންތަކަކަށް އާދެވުނެވެ. މިކަންކަން ހާސިލް ކުރަން ދެ އަހަރު ދުވަހުގެ ވޯކް ޕްލޭނެއް އެކުލަވާލި އެވެ.