ހަބަރު

ފުލުހުން ދިރިއުޅޭ ގޭގެއަށް ހަމަލާދިން މީހުން ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ފުލުހުން ދިރި އުޅެން ބޭނުން ކުރާ ގެ ތަކެއްގެ ބިއްލޫރިގަނޑު ތަޅައިލާ ގެއްލުން ދިން މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ދިވެހި ހަތަރު ފިރިހެނުންނެވެ.

މި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އައްޑޫ ސިޓީ ފޭދޫންނެވެ. މިދިއަ އާދިއްތަ ދުވަހު ފުލުހުންގެ ގެތަކަށް ދިން ހަމަލާއާ ގުޅިގެން ރޭ އައްޑޫ ސިޓީ ހިތަދޫން އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފޭދޫން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. ހިތަދޫއިން ހައްޔަރުކުރި މީހާގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވަނީ 10 ދުވަހެވެ.

ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް އިންޒާރުދޭ މައްސަލަ ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އައްޑޫގައި މިހާދިސާ ހިނގާފައިވާ އިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގަައި އެސްއޯ ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި، ގްރޫޕްތަކަށް ނިސްބަތްވާ އެންމެން ދޫކޮށްލުމާ އެކު އޭގެ ތެރެއިން ބަޔަކު ގޮސް އެ އޮޕަރޭޝަންގައި އުޅުނު، ދެ ފުލުހަކާ ދިމާކޮށްލާ މަރުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. އަދި އެ މީހުން ފުލުސް މީހެއް ދިރިއުޅޭ ގެޔަށް ވަދެގަންނަން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުން ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.