ހަބަރު

"ބިތުފަންގީ"ގައި ކަސްޓަމްސްގެ ޔުނީފޯމް ބޭނުން ކުރުމުން ފިޔަވަޅު އަޅަނީ

Mar 24, 2016
6
  • ހުއްދަ ނެތި ޔުނީފޯމް ބޭނުން ކުރުމަކީ ގާނޫނުން މަނާކަމެއް
  • ކަސްޓަމްސްގެ ޝަރަފު އޭސީސީ އިން ނަގާލި ކަމަށް ބުނި
  • ކޮރަޕްޝަން މައްސަލަ އޭސީސީ އިން ތަހުގީގު ކުރުމަށް ގޮވާލި

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ކޮރަޕްޝަނަށް މީހުން ހޭލުންތެރި ކުރުވުމަށް ގެނެސްދޭ ޑްރާމާ ސިލްސިލާ "ބިތުފަންގީ"ގައި ކަސްޓަމްސްގެ ޔުނީފޯމް ބޭނުންކޮށްފައި ވާތީ ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ރޭ ގެނެސްދިން ބިތުފަންގީގެ އެޕިސޯޓްގައި، ފެންނަނީ ކަސްޓަމްސްގެ އޮފިސަރަކު ރިޝްވަތު ހިފައިގެން އިމްޕޯޓް ޑިއުޓީ ނުދައްކާ ވިޔަފާރިވެރިއަކަށް މުދާ ކްލެއާ ކޮށްދިނުމުގެ ސަބަބުން ދައުލަތަށް އެތައް މިލިއަން ރުފިޔާ އެއް ގެއްލޭ މައްސަލަ އާންމުވެފައިވާ މުޖުތަމައެކެވެ.

އެކަން ކުށްވެރިކޮށް ކަސްޓަމްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޑްރާމާ ސީރީޒްގައި ކަސްޓަމްސްގެ ޔުނީފޯމް ބޭނުންކޮށްގެން ކަސްޓަމްސްގެ އަގު ވެއްޓޭ ގޮތަށް ކޮންޓެންޓް ގެނެސްދީފައިވާ ކަމަށެވެ. އަދި ކަސްޓަމްސް އަކީ ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ނުހަނު ބުރަ މަސައްކަތްތަކެއް އިހުލާސްތެރިކަމާ އެކު ކުރާ އެންމެ ގިނަ ދުވަސްވީ އެއް މުއައްސަސާއަށްވާ އިރު އެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ގަދަރުކުޑަކޮށް އޭސީސީ އިން އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި ކަސްޓަމްސްގެ ހުއްދަ ނެތި ކަސްޓަމްސްގެ ޔުނީފޯމް ބޭނުންކޮށްފައި ވާތީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

"ކަސްޓަމްސްގެ ޔުނީފޯމާއި ޔުނީފޯމާ ގުޅޭ އެއްވެސް އެއްޗެއް، ކަސްޓަމްސްގެ ހުއްދަނެތި ބޭނުން ކުރުމަކީ ކުށެއް ކަމަށް ކަސްޓަމްސްގެ ގާނޫނޫގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް މި އޮފީހުން އަޅާނެ ވާހަކަވެސް ދަންނަވަމެވެ،" ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.

ކަސްޓަމްސް އިން ބުނީ އެތަނުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާ ކަމަށް ގަބޫލު ކުރެވޭ ނަމަ، ތަފާތު ޑްރާމާ ސީރީޒްތައް އުފައްދައި އެ މުއައްސާގެ އަގު ވެއްޓޭ ގޮތަށް އަމަލު ކުރުމުގެ ބަދަލުގައި އެ މައްސަލަތައް ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ތަހުގީގު ކުރުމަށް އޭސީސީ އަށް ކަސްޓަމްސް އިން ވަނީ ގޮވާލައިފަ އެވެ. އަދި އެފަދަ ތަހުގީގުތަކަށް އެއްބާރުލުން ދޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މުހައްމަދު ނިޔާޒް، ޑެޓްރީ ޑައިރެކްޓް ކޮށްފައިވާ، "ބިތުފަންގީ"ގެ އެޕިސޯޓެއްގައި އައިޖީއެމްއެޗްގެ ނަން ބޭނުންކޮށްފައި ވާތީ އެ މައްސަލަ ބެލުމަށް ހެލްތް މިނިސްޓްރީ އިން ނިންމާފައިވެ އެވެ. އެހެން ނަމަވެސް އޭސީސީ އިން ވެސް އަދި ޓެޑްރީ ވެސް ބުނެފައި ވަނީ އައިޖީއެމްއެޗްގެ ނަމެއް އޭގައި ގެނެސްދީފައި ނޯންނާނެ ކަމަށެވެ.