އިންޑިއާ އިން އިންތިޒާމު ކުރާ ރައިޒިން ބާރަތު ސަމިޓްގައި ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެންފި އެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ އާއި މިއަދު ކުރިއަށްދާ ރައިޒިން ސަމިޓްގައި މާރިޔާ ބައިވެރިވެވަޑައިގަންނަވާ މި ސަމިޓަށް ދައުވަތު ދީފައިވާ ހާއްސަ ޝަހްސިއްޔަތުންގެ ތެރޭގައި ހިމެނިގެންނެވެ.
މާރިޔާ އަކީ 2018 އަދި 2023 ވަނަ އަަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސް ތަރުޖަމާނެވެ. ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވީވެސް މާރިޔާ އެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ އަހަރު ތަކަކު ކުރައްވާފައިވާ މާރިޔާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ގާނޫނީ ވަކީލް އެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށް މާރިޔާ ކުރެއްވި ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށް އެމެރިކާ ސަރުކާރުން ވަނީ 2007 ވަނަ އަހަރު މާރިޔާއަށް "އިންޓަނޭޝަނަލް ވިމެން އޮފް ކަރޭޖް އެވޯޑް" ދީފަ އެވެ.
މާރިޔާ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ -- މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވި ހަމައެކަނި އަންހެން ބޭފުޅާ އެވެ. މާރިޔާގެ ޗެއާޕާސަން ކަމުގައި އެމްޑީޕީ ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބުކޮށްފަ އެވެ.

މާރިޔާގެ ޑިފެންސް މިނިސްޓަރު ކަމުގައި ސިފައިންގެ ވެލްފެއާ ހިންގުން ހަރުދަނާކޮށް، އަސްކަރީ އިތުރު ފުރުސަތުތައް ދިވެހި ސިފައިންނަށް ހޯދައިދިނުމާ އެކު ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ތަރައްގީކޮށް ހަރުކަށި ފިކުރު ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
ރައިޒިން ބާރަތް ސަމިޓަކީ އިންޑިއާގެ ބާރު ވަރުގަދަކުރުމަށް ބާއްވާ ލީޑަޝިޕް ފެންވަރުގެ މަހާސިންތާ އެކެވެ. މި ސަމިޓްގައި އިންޑިއާގެ އެންމެ ނުފޫޒު ގަދަ ލީޑަރުންނާއި، ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ލީޑަރުންނާއި، އެކި ސިނާއަތްތަކުގެ އިސްވެރިންނާއި، ޓެކްނޮލޮޖީ ދާއިރާގެ ހުނަރުވެރިންނާއި އުފެއްދުންތެރިން އެއްތަނަކަށް އެއްވެ މުސްތަގުބަލަށް މުހިއްމު މަޝްވަރާތަކެއް ކުރެ އެވެ.

މި ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާގެ އެހެން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މާރިޔާގެ ޑިފެންސް މިނިސްޓަރު ކަމުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ދުވަހަކުވެސް ބަދަހިނުވާވަރަށް ބަދަހިކޮށްފަ އެވެ. އެ ގުޅުން ސިޔާސީ ބައެއް ބޭފުޅުން ގޯސްކޮށް މާނަކުރެއްވި ނަމަވެސް އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ހެޔޮ އެދޭ ގައުމުގެ ގޮތުގައި މާރިޔާ އަބަދުވެސް ސިފަކުރައްވަ އެވެ.