ތެލަސީމިއާ ބަލި

ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޯދަނީ

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެމްބީއެސްގެ ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފައިވާއިރު އެ ސާވިސްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިދާރީ އާ މެނޭޖްމަންޓެއްގެ ބޭނުންތެރިކަން ބޮޑުވުމާއެކު އެކަން އަވަސްކޮށް ވަގުތުން ކުރަންޖެހިފައިހުރި މަސައްކަތްތަކަށް މަޑުޖެހުމެއް އަޔަނުދިނުމަށްޓަކައި ސިވިލް ސާވިސްގެ ތެރޭގައި އެހެން އިދާރާއެއްގައި މަސައްކަތް ކުރަމުންދިޔަ ޑިރެކްޓާ ޖެނެރަލެއް ހަމަޖައްސައި އެބޭފުޅާގެ ބެލުމުގެ ދަށުން ކުރަންހުރި މަސައްކަތަށް މިހާރު ވަނީ ކުރަން ފަށާފަ އެވެ.

މިއާއެކުވެސް ތެލެސީމިއާ ގާނޫނުގައި ބުނާ ފަދައިން އެމްބީއެސްއަށް ފަންނީ ޑިރެކްޓާ ޖެނެރަލެއް ހަމަޖެއްސަންޖެހެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިއުލާނުގައިވާ ގޮތުން މި މަގާމުގެ މުސާރައަކީ މަހަކު 21،884 ރުފިޔާ އެވެ. މަގާމުގެ އެލެވަންސްގެ ގޮތުގައި މަހަކު 12،534 ރުފިޔާ ކަނޑައަޅާފައިވާއިރު ހާޒިރީ އެލެވަންސްގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 339 ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި އެމްބީއެސްގެ މެންޑޭޓް ތަންފީޒުކުރުމަށް ބޭނުންވާ ކަންތައްތައް މިނިސްޓްރީގެ ސިޔާސަތާއި ޕްރޮސީޖަރތަކާ އެއްގޮތަށް އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުމާއި އެމްބީއެސްގެ މަސައްކަތްތައް ހިންގުމަށް ދިމާވާ ދަތި ކަންތައްތައް މިނިސްޓްރީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކާއި ޑިވިޝަންތަކާ ކޯޑިނޭޓްކޮށްގެން ހައްލުކުރުން ހިމެނެ އެވެ.

މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފައިވާއިރު އެމްބީއެސްގައި ލިބެންޖެހޭ ބައެއް ވަސީލަތްތައް ނުލިބުމާއި، ކޮންމެހެން ހުންނަންޖެހޭ ބޭސް ނެތުމާއި ލޭ ދޭ މީހުން ދީފައި ހުންނަ ލޭ އެމްބީއެސްގެ އިހްމާލުން އުކާލަންޖެހުމާ އަދި ބަންދު ދުވަސްތަކުގައި އެމްބީއެސް ބަންދުކުރާ މައްސަލައިގައި ތެލެސީމިއާ ކުދިންގެ މައިންބަފައިން މިދިޔަ މަހު ވަނީ މުޒާހަރާކޮށްފަ އެވެ.