މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްގެން ދުއްވޭނެ ވެހިކަލްގެ އަދަދު ނުވަތަ ކެރީން ކެޕޭސިޓީ ކަނޑައެޅުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލުކޮށްގެން ހަދާފައިވާ ދިރާސާ ރިޕޯޓަށް ހިޔާލު ހުށަހެޅުމަށް އާންމުންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި އައިޔޫއެމްގެ ރިޕޯޓަށް ހިޔާލު ހޯދުމަށް މާދަމާ ހުޅުވާލުމަށް މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވުމުން އެ ހުށަހެޅުން ފާސްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މޭޔަރު ވިދާޅުވީ މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައެޅުމަކީ ބޮޑު ނިންމުމަކަށްވާތީ އެކަން ކުރަންވާނީ އާންމުންގެ ހިޔާލު ހޯދައިގެން ކަމަށްވާތީ އެކަމަށް ދެ ހަފްތާ ދޭން ފެންނަ ކަމަށެވެ.
އައިޔޫއެމްގެ ރިޕޯޓްގައިވާ ގޮތުން މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީގެ ގޮތުގައި ކަނޑައަޅަން ރަނގަޅަނީ 89،413 އުޅަނދަށް ވުރެ އިތުރު ނުވާ އަދަދެކެވެ. އެހެންކަމަށްވާނަމަ އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ 1،000 މީހަކަށް 321 އުޅަނދެވެ.
އައިޔޫއެމްގެ ރިޕޯޓްގައިވާ ގޮތުން މާލެ ސަރަހައްދުގައި މިވަގުތު 119،472 ވެހިކަލް ދުއްވާއިރު 103،300 އުޅަނދަކީ ސައިކަލް އެވެ. މީގެތެރެއިންވެސް ރޯޑް ވާތިނަސް ފުރިހަމަކޮށްފައި ހުރީ އެންމެ 23.5 ޕަސެންޓް އުޅަނދު ގައެވެ.
މި ރިޕޯޓުން އިތުރަށް އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 150،074 ވެހިކަލް އެތެރެކޮށްފައިވެ އެވެ.
ކޮންމެ ރަށެއްގައިވެސް ރަޖިސްޓަރީ ކޮށްގެން ދުއްވޭނެ ވެހިކަލްގެ އަދަދު ނުވަތަ ކެރީން ކެޕޭސިޓީ ކަނޑައަޅަން ޖެހެ އެވެ. ނަމަވެސް މިއީ މާލެ ސިޓީ ކައުންސިލާ އަދި އެހެން ކައުންސިލްތަކުންވެސް ގޮތެއް ނުނިންމާ އޮންނަ ބޮޑު މައްސަލަ އެކެވެ.