މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި އިދާރާއެއް އުފައްދައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އިއްޔެ މިއިދާރާ އުފައްދާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު އުފެއްދީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ އެވެ.