މޯލްޑިވް ގޭސް

ދުބާއީ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އަޅަނީ

ގޭސް ގެންނަން ދުބާއީ ކުންފުންނަކަށް އެޑްވާންސް ފައިސާ ދެއްކި ނަމަވެސް ގޭސް ސަޕްލައިކޮށްދީފައި ނުވާތީ ދުބާއީގެ ޖަކްޝާ އެނާޖީ އާމެދު ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ގޭހުން ބުނެފި އެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި ގޭސް ޝިޕްމަންޓްގެ 30 ޕަސެންޓަށްވާ 240،000 ޑޮލަރު -- 3.7 މިލިއަން ރުފިޔާ ދުބާއީގެ ޖަކްޝާ އެނާޖީއަށް ދެއްކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ކަނޑައެޅި މުއްދަތުގައި ގޭހުގެ ޝިޕްމަންޓް ނުލިބުނު ކަމަށާއި އެޑްވާންސް ފައިސާ ހޯދުމަށް ސަޕްލަޔަރާ އެކި ފަހަރު މަތިން ވާހަކަ ދެއްކި ނަމަވެސް އެ ފައިސާވެސް ދުބާއީގެ ކުންފުނިން އަނބުރާ ދީފައިނުވާ ކަމަށް މޯލްޑިވް ގޭހުން ބުނެފައިވެ އެވެ.

މޯލްޑިވް ގޭހުން ބުނީ މި މައްސަލައިގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މުއާމަލާތުގައި ހިޔާނާތެއް ހިނގާފައި ނުވާކަން ކަށަވަރު ކޮށްދޭ ކަމަށްވެސް މޯލްޑިވް ގޭހުން ވަނީ ބުނެފަ އެވެ.