މީރާ

މީރާއަށް މާޗް މަހު އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ

ދައުކަތުގެ ޓެކްސް އިދާރާ -- މީރާއަށް މިދިޔަ މާޗް އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

މިއީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 15.1 ޕަސަންޓް އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މާޗް މަހު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ވުރެވެސް 26.2 ޕަަސަންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި މާޗް މަހުގެ އާމްދަނީ އިތުރުވީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމުންނެވެ. އެގޮތަށް ދިމާވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ޓެކްސް ދެއްކުމުގެ ސުންގަޑި މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހަށް ފަސްކުރުމުންނެވެ. ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ފީ (އެލްޕީއީއެފް) ލިބުމަކީވެސް އާމްދަނީ އިތުރުވި ސަބަބެކެވެ.

އެލްޕީއީއެފް ދައްކަނީ ޓެކްސް ދައްކާ ފަރާތްތަކުގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވެފައި އެއީ ވަކި ތާވަލަކާ އެއްގޮތަށް ދައްކާ އެއްޗެއް ނޫނެވެ.

މީރާއަށް މިދިޔަ މާޗް މަހު ލިބުނު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ މާޗް މަހު ލިބުނު އާމްދަނީގެ 57 ޕަސަންޓް ނުވަތަ 1.9 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ 384.3 މިލިއަން ރުފިޔާ އެވެ. ގްރީން ޓެކުހުގެ ގޮތުގައި 270 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 186 މިލިއަން ރުފިޔާ، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.3 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 157 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާއަށް މިދިޔަ މާޗް މަހު ލިބުނު އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުން ލިބުނު 174.23 މިލިއަން ޑޮލަރުވެސް ލިބިފައިވެ އެވެ.