އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އަށް އާމްދަނީ ހޯދުމަށް އެޅުމަށް ހަމަޖެހިފައިވާ ސަނާބިލް އިމާރާތުގެ ބިންގާ އަޅައިފި އެވެ.
ހުޅުމާލޭގައި މިއަދު ހަވީރު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ސަނާބިލް މަޝްރޫއަކީ އައިޔޫއެމްއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އައިޔޫއެމްގެ ބިމެއްގައި ހަތް ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިން ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަލް ޕާކިންއަށް ޖާގަ ހުންނާނެ އެވެ.
މި މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސްކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން އިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ.

މި މަޝްރޫއު ހިންގުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އެއްމަސް ދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސްކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަނަށް ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ.
މި އިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސް ދުވަހުންނެވެ.