ޖޭއެސްސީ

ފަނޑިޔާރުންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައިގެ ފަހުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މި ދެ މައްސަލައިގެ އަޑުއެހުން ބާއްވާފައިވަނީ ވަކިވަކިންނެވެ. އެ ގޮތުން މިއަދު ހެނދުނު 9:00 ގައި އޮތީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލައިގެ އަޑު އެހުމެވެ. އަދި ހެނދުނު 10:00 ގައި އޮތީ އަޒްމިރަލްދާގެ މައްސަލައިގެ އަޑު އެހުމެވެ.

ދެ ފަނޑިޔާރުންނަށްވެސް ތުހުމަތު ކުރަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނާ އެ މައްސަލައަށް މަހާޒް އާއި އަޒްމިރަލްދާ ވަނީ އިންކާރުކުރައްވާފަ އެވެ.

ފަނޑިޔާރުންގެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީ އިން އެކުލަވާލާ ރިޕޯޓަށް ޖަވާބުދިނުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ޖޭއެސްސީގެ ގަވައިދު ލާޒިމުކުރެ އެވެ. އަދި އޭގެފަހުން މައްސަލައިގައި ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވަންޖެހެ އެވެ.

ޖަވާބުދާރީވުމަށް ދިން މުއްދަތުގެ ތެރޭގައި ފަނޑިޔާރު މަހާޒްއާއި ފަނޑިޔާރު އަޒްމިރަލްދާ ވަނީ ޖަވާބުދާރީވެފަ އެވެ.

ފަނޑިޔާރު މަހާޒްއާއި ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ކުރިން ހުންނެވި ހުސްނުއްސުއޫދުގެ މައްސަލަ ވެސް ޖޭއެސްސީ ބަލަން ފެށި އެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމުން ސުއޫދު ވަނީ ފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.