ރާއްޖެއިން ތިން ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ ނަން ހުށަހަޅައިފި އެވެ.
އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހުގައި މިއަދު ވަނީ އިއްވާ އެވެ.
އެ ގޮތުން ސްވިޑަންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޖަރުމަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރު އައްޔަންކުރަން ރައީސް ހުށަހެޅުއްވި އެވެ.
ސީޝެލްސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުގެ ނަން ހުށަހެޅުއްވިއިރު އޮސްޓްރިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އައްޔަންކުރަން ރައީސް ވަނީ ހުށަހެޅުއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ނަންތައް ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.