އޮބިޗުއަރީ

މަޑުލު މުހައްމަދު ވަހީދު އަވަހާރަވެއްޖެ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުހައްމަދު ވަހީދު އަވަހާރަވެއްޖެ އެވެ.

މަޑުލު މުހައްމަދު އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

މަޑުލު މުހައްމަދަށް ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.

އޭނާ ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، އިސްލާމީ އަދަބު އަޚްލާޤު، ދޭހައިގެ އަތްމަތީ ފޮތް، ހަޔާތުގެ ހަދިޔާ، ހަރުދަނާ ޝަހުސިއްޔަތު، ހަލީސާ، ހަދިޔާ 2، ދިރިއުޅުމުގެ ރަހަތައް އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ހިމެނެ އެވެ.

މަޑުލު މުހައްމަދުގެ ކުރު ވާހަކަތައްވެސް ފޮތްތަކަކަށް އެއްކުރައްވައި ނެރުއްވާފައިވެ އެވެ.

އޭގެ ތެރެއިން މަޝްހޫރުވި ވާހަކަތަކުގެ ތެރޭގައި ނުކުޅެދޭ އަސަރު، ސަކީނާގެ ހިތްދަތިކަން، އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށްވެފައި، ނަފްސަށްވެވޭ ހަމްދަރުދީ، މައެއްގެ އަސަރު، ފުނޑުފުނޑުވި ހުވަފެން ފަދަ ވާހަކަތައް ހިމެނެ އެވެ.