އަމިއްލަ ބަހުގެ އަގާއި ގަދަރު ދަރީންނަށް ވިސްނައިދީ، ދިވެހި ބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރި ކުދީން ގިނަކުރުމަށް ބާރުއަޅުއްވައި، ދިވެހި ބަހުން ވާހަކަ ދެއްކުމަކީ، އުފަލެއް ކަމުގައި އަދި ފަޚުރެއް ކަމުގައި އެންމެންވެސް ގަބޫލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި އެއް ރަމްޒަކީ، ދިވެހި ބަސް ކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި ވާހަކަދައްކައި ލިޔެކިޔާނެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރުތަކެއް ލިބިފައި އޮތުމަކީ ވަރަށް ބޮޑު ނިޢުމަތެއް ކަމުގައި ރައީސް ގަބޫލުކުރައްވަ އެވެ.
މީގެއިތުރުން ދިވެހި ބަހުގެ ސަބަބުން ދިވެހީންގެ އެއްބައިވަންތަކަމާއި، މުއްސަނދި ސަގާފަތް ދައްކުވައިދޭ ކަމަށާއި، ދިވެހީންނަކީ ޒަމާނުއްސުރެ ވަކި އާދަކާދަތަކަކާއި އުސޫލުތަކެއް ހިފަހައްޓަމުން އަންނަ މުސްތަގިއްލު ބައެއްކަން މުޅި ދުނިޔެއަށް ކަށަވަރުކޮށްދެނީ ދިވެހި ބަހުގެ ސަބަބުން ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހިބަހަށް ޚިދުމަތްކުރުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ދިވެހިބަހަށް އިހުމާލުނުވުމަށް އެމަނިކުފާނުގެ ޚިޠާބުގައި ބާރުއަޅުއްވާފައިވެއެވެ.
ރައީސްގެ ހިތާބުގައި އަންނަން އޮތް ޖީލުތަކަށް ދިވެހި ބަސް ފޯރުކޮށްދިނުމަށް، އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައިވެ އެވެ. އަދި ޒަމާނާ އެއްގޮތަށް ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރުމަށާއި، ދިވެހި ބަހުން ވާހަކަދެއްކުމަށް އިސްކަންދޭ ކުދި ބަޔަކަށް ހެދޭނީ، ޒަމާނީ ފަންނިއްޔާތާއި މުވާސަލާތުގެ ތަރައްގީއާއި ފައިހަމަކުރެވޭނެ ކުރިއެރުން ދިވެހި ބަހަށް ހޯދައިދީގެން ކަމުގައިވެސް ވިދާޅުވި އެވެ. ދިވެހި ބަހާއި، ދިވެހި އަދަބިއްޔާތާއި، ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމާއި މޮޅުކަން، އަދުގެ ޖީލުތަކަށް މޭރުންވާނޭ މަގުން ކިޔައިދީ، އުނގަންނައި ދިނުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފަ އެވެ.
ދިވެހި ބަހުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ތަހުނިޔާގެ ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ. އެމަނިކުފާނުގެ ޕޯސްޓުގައި އަބަދުވެސް ދިވެހި ބަހަށް އިސްކަން ދޭންވާނެ ކަމަށާއި، ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހި ބަސްކަމުގައި ވިދާޅުވި އެވެ. އަދި ޒަމާނާ އެއްވަރަށް ފައިހަމަކުރަމުން، ދިވެހި ބަސް ކުރިއަރަމުން ދިއުމުގެ ފޮނި އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.