ގދ. ހޯނޑޭއްދޫގައި މަސްތުވާތަކެތި ގެންގުޅުނު މީހެއްގެ މައްޗަށް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
މިއީ، 2023 އެޕްރީލް މަހު ތެރޭގައި ފުލުހުން ގދ. ހޯނޑެއްދޫ ޕެޓްރޯލްކުރަމުން ދަނިކޮށް ގދ. ހޯނޑެއްދޫ ހާފްގެއާ ދިމާލަށް މަގުމަތީގައި ހުރި ޖޯލިފައްޗެއްގައި އޮތް މީހެއްގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ އެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާގެ އަތުން ފުލުހުންނަށް މަސްތުވާތަކެތި ފެނިފައިވެ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު، އޭނާވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަށް އިންކާރުކޮށްފަ އެވެ.
މި މީހާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އިންކާރުކުރުމުން، މައްސަލަ ސާބިތު ކުރީ ފުލުހުންގެ ތަހުގީގާއި ފުލުހުން ހުށަހެޅި ހެކި ގަރީނާގެ އަލީގައެވެ.
މި މައްސަލަ ނިންމީ، ހޯމަ ދުވަހުއެވެ. ހޯމަ ދުވަހު، މި މައްސަލައިގައި ކޯޓުން ކުރި ހުކުމަކީ އެ މީހާ، 25 އަހަރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ޖޫރިމަނާ 100،000 ރުފިޔާ އެއް އަހަރުގެ ތެރޭގައި ދެއްކުމަށްވަނީ ހުކުމުގައި ބަޔާންކޮށްފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން، ހދ. ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައިވެސް މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ހުކުމެއް އިއްވާފައިވެ އެވެ.