ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ބަޖެޓުން މި އަހަރު 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ހަރަދު ހުރީ 10.6 ބިލިއަން ރުފިޔާގަ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 10.2 ބިލިއަން ރުފިޔާގަ އެވެ.
ލޯނު ދެއްކުމަށް މި އަހަރު 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހޭދަކުރީ 845.3 މިލިއަން ރުފިޔާ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރިކަރަންޓް ހަރަދު މި އަހަރު އިތުރުވި ނަމަވެސް ކެޕިޓަލް ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށަށް ގޮސްފަ އެވެ.
ރިކަރަންޓް ހަރަދު
ރިކަރަންޓް ހަރަދަށް މި އަހަރު ހަތް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 6.6 ބިލިއަން ރުފިޔާގަ އެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މި އަހަރު 2.6 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިދިޔަ އަހަރު ހޭދަކުރީ 2.2 ބިލިއަން ރުފިޔާ އެވެ.
އިދާރީ އަދި ހިންގުމުގެ ހަރަދަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 4.3 ބިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް މި އަހަރު 4.4 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ކެޕިޓަލް ހަރަދު
ކެޕިޓަލް ހަރަދަށް މި އަހަރު ހޭދަކޮށްފައިވަނީ 554.1 މިލިއަން ރުފިޔާ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 2.2 ބިލިއަން ރުފިޔާގަ އެވެ.
އާމްދަނީ
ދައުލަތަށް މި އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ ލިބުނެވެ.
މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 6.9 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.7 މިލިއަން ރުފިޔާ ހިމެނެ އެވެ.
އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 7.9 ބިލިއަން ރުފިޔާ އެވެ.