ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތުރުކީގައި އަލަށް ގާއިމުކުރި ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އާއި ތުރުކީގެ މިނިސްޓާ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓިނަންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަޙީމް ޢަބްދުއްލަޠީފް އިސްވެ ތިއްބަވާ އެމްބަސީ ރަސްމީކޮށް ހުޅުވީ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކަށްފަހު އެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވިގެން ދިއުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށް ދިވެހި ސަރުކާރުން ދެކެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި، ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ތުރުކީ އެމްބަސީ ވެގެންދާނީ ދެ ގައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާ ކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމަކަށް ކަމުގައިވެސް ބުންޏެވެ.

މި ރަސްމިއްޔާތުގައި ޑރ. ޚަލީލް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްގެ ގޮތުން ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުން މުހިއްމު ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި، އިގްތިސާދީ ކުރިއެރުމާއި، ދިވެހި ސަގާފަތް ކުރިއެރުވުމަށް އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު ބޮޑު ކަމުގައިވެސް ވިދާޅުވި އެވެ.
"ތުރުކީގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލާ ހިދުމަތް ފޯރުކޮށްދިނުމުގައިވެސް އެމްބަސީއެއް ހުރުން ވަރަށް މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ އެމްބަސީ ހުޅުވުމުން ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ތުރުކީގެ މިނިސްޓާ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހެމަތު ނޫރީ އެރްސޮއި ވިދާޅުވީ ތުރުކީއާއި ރާއްޖެއަކީ ޒަމާނުންސުރެ އެކުވެރި ދެ ދައުލަތް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ސަގާފަތާއި، އިގްތިސާދު އަދި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްގީ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.