ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގައި ބާސެލޯނާ ކަޓުވާލެވޭހާ ބަލިނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗު 4-0 އިން ކާމިޔާބު ކުރީ ބާސެލޯނާ އެވެ. އެހެންވެ ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި މިރޭ ބާސެލޯނާ ކަޓުވާލުމަށްޓަކައި އެ ޓީމުން މަދުވެގެން ފަސް ލަނޑުން ޖަހަން ޖެހޭނެ އެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ފްލިކް ބުނީ ފުޓްބޯޅައިގައި އެއްވެސް ކަމެއް ނުވާނެއޭ ބުނެގެން ނުވާނެ ކަމަށެވެ.
"އެކަމަކު އަހަރެންގެ ޓީމު ތިފަދަ ނަތީޖާއަކުން ބަލިކުރެވޭހާ ނިކަމެއްޗެއް ނުވާނެ. މި މެޗަށް ނުކުންނައިރު އަހަރުމެންގެ އެންމެ ބޮޑު އިތުބާރަކީ ކުރީ މެޗުގައި ޖެހި ހަތަރު ލަނޑު." ބާސާގެ ކޯޗު ބުންޏެވެ.
ޖަރުމަނުގެ ބަޔާން މިއުނިކަށް އަދި އެ ގައުމުގެ ގައުމީ ޓީމަށްވެސް ކުރިން ކޯޗުކޮށްދީފައިވާ ފްލިކް ބުނީ މިރޭގެ މެޗު ނުނިމެނީސް ބާސެލޯނާ ސެމީ ފައިނަލަށް ނުދާނެކަން ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށެވެ.
"އަހަރުމެން އަދި މި އޮތީ ސެމީ ފައިނަލަކު ނޫން. އެކަމަކު މި މެޗުން މޮޅުވެގެން ސެމީއަށް ދެވޭނީ. އަހަރުމެންގެ ދަނޑުގައި ކުޅުނީ މި މެޗުގެ ފުރަތަމަ ހާފް ކަމަށް މި ބަލަނީ. އެހެންވީމާ އަހަރުމެން މިރޭ ފަރުވާ ކުޑަކޮށްލައިގެން ނުވާނެ،"
މި މެޗަށް އެންމެ އިތުބާރާއެކު ނުކުންނަނީ ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އެވެ. އޭނާ ޑޯޓްމަންޑް ދޫކޮށްލި ފަހުން ބަޔާން މިއުނިކްގައި އަދި ބާސެލޯނާގައި ވަނީ ޑޯޓްމަންޑާ ދެކޮޅަށް 28 މެޗު ކުޅެފަ އެވެ. މި މެޗުތަކުގައި ވަނީ 29 ގޯލު ޖަހާފަ އެވެ. މިދިޔަ ހަފްތާގައި ކުޅުނު މެޗުގައި ވެސް އޭނާ ދެ ގޯލު ޖެހި އެވެ.