އިސްލާމިކް މިނިސްޓްރީ

މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ

މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ޑރ. ޞަލާހުލްބުދައިރުގެ މިދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ އެންމެ މަތީ އިސްލާމީ ޝަޚްސިއްޔަތުން ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތަކާ ގުޅިގެން ސައުދި އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަޒީޒުގެ ހުއްދައާއި އެކު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ޑރ. ޞަލާހުލްބުދައިރުގެ މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވުމުގެ އިތުރުން އާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުން ހިމެނެ އެވެ.

މީގެއިތުރުން ޑރ. ޞަލާހުލްބުދައިރު، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިއީ ފާއިތުވި 40 އަހަރު ތެރޭގައި ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެ 40 އަހަރު ކުރިން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އޭރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު އައްސުބައްޔިލެވެ.

މަދީނާގެ ހަރަމްފުޅުގެ އިމާމު ޑރ ޞަލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހް ނަމާދު ކުރައްވަ އެވެ. އިސްލާމީ ދުނިޔޭގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.

މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެވަޑައިގެންވުމުގެ ކަންކަން ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނާއި، ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް އިސްލާމިކް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ. ޑރ ޞަލާހުލްބުދައިރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖެއްސެމުގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން ދީފައިވާ އެހީތެރިކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.