ފެނަކަ ކޯޕްރޭޝަން

ފެނަކައިގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކުރަން އެދިއްޖެ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުތަކަށް ޕެޓީކޭޝްގެ ގޮތުގައި ދޫކުރި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ފެނަކައިގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.

ދައުވާކޮށްދިނުމަށް މިމަހުގެ 10 ވަނަ ދުވަހު އެދުނީ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި ސ. ފޭދޫ، ހަސީނީވިލާ، އަހްމަދު ސާތިޝް ސައީދު އާއި، ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއަރުގެ މަގާމުގައި ކުރިން ހުންނެވި ތ. ތިމަރަފުށި، ނިރޮޅުމާގެ، މުހައްމަދު އާސިދުގެ އިތުރުން ސުޕަވައިޒަރެއްގެ މަގާމުގައި ކުރިން ހުރި ސ. ފޭދޫ، ފަޅޯމާގެ، ހުސައިން އާސިރުގެ މައްޗަށެވެ.

އޭސީސީ އިން ބުނީ ފެނަކައިގެ އައްޑޫ ސިޓީގެ ހިތަދޫ ސެންޓްރަލް ޕަވަ ސްޓޭޝަން (ސީޕީއެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް ސާތިޝް އާއި އާސިދު އަދި އާސިރު ބޭނުންކޮށްފައިވާ ކަމަށެވެ.

މި ތިން މީހުންގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްދިނުމަށް އެދިފައިވެ އެެވެ. އެއީ ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާއާއި، ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ހިމެނޭ 623,208.80 ރުފިޔާ އަނބުރައި ހޯދުމަށް އޭސީސީ އިން ޕީޖީގައި އެދިފައިވެ އެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވޭތީ އެކަން ތަހުގީގުކޮށްދިނުމަށް ފުލުހުންގެ އިދާރާގައި އެދުމަށްވެސް އޭސީސީ އިން ވަނީ ނިންމާފަ އެވެ.