މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހްލާގެ "ސޮރީ" ފިލްމުގެ ޓިކެޓް ބުކް ކުރުމަށް ހުޅުވާލިތާ ހަތަރު ގަޑިއިރު ތެރޭގައި ތިން ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ އެވެ.
ނަހްލާ ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކޮށްފައިވާ ސޮރީގެ ޓިކެޓް ބުކް ކުރުމަށް ހުޅުވާލުމާ އެކު އާންމުންގެ ކޯލްތައް އަންނަލެއް ގިނަ ކަމުން ބައެއް މީހުންގެ ފޯނަށް ޖަވާބު ނުދެވިދާތީ ސޮރީގެ ޓީމުން ވަނީ މައާފަށްވެސް އެދިފަ އެވެ.
ސޮރީ ޕްރޮމޯޓް ކުރުމަށް ހަދާފައިވާ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ފިލްމުގެ ޓިކެޓް ބޭނުންނަމަ ދެން ރިޒަވޭޝަން ހެދޭނީ ހަތަރުވަނަ ޝޯ އިން ފެށިގެން ކަމަށެވެ.

އޮލިމްޕަހުގައި ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު އެވެ.
ސޮރީ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒައާއި، ނަހްލާގެ ހަގު ދަރިފުޅާއި ނަހްލާގެ މާމަ ދަރިފުޅުގެ އިތުރުން ވާސިއާ މުހައްމަދާއި އަހްމަދު އީސަ އެވެ.
ޕްރިމިއާ ޝޯ ފިޔަވައި އެހެން ޝޯތަކުގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައިވަނީ 150 ރުފިޔާ އަށެވެ.