ފިނޭންސް މިނިސްޓްރީ

އާމްދަނީ 11 ބިލިއަނަށް އަރައި ދައުލަތުގެ ބަޖެޓް އަރަނިވެއްޖެ

ދައުލަތަށް މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީ 11.2 ބިލިއަން ރުފިޔާއަށް އަރައި މި އަހަރުގެ ދައުލަތުގެ ބަޖެޓް އަރަނިވި މިންވަރު 3.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން 10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ވަނީ 11.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 10.7 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް މި އަހަރު ލިބުނު އާމްދަނީގެ ތެރެއިން 8.7 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 8.8 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 43.6 މިލިއަން ރުފިޔާ ލިބުނެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓުއަރިޒަމް ދާއިރާއިން ލިބުނު ޖީއެސްޓީންނެވެ.

އެގޮތުން އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 3.1 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ އެ މުއްދަތުގައި 556.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މިއަހަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މި އަހަރު 437.1 މިލިއަން ރުފިޔާ ޖަމާކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ފަންޑަށް ޖަމާކޮށްފައިވަނީ 342 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ހަރަދުތައް މި އަހަރުގެ މިހާތަނަށް 9 ބިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުން ވަނީ 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

މިއަހަރުގެ ހަރަދުތަކުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަވި 2.4 ބިލިއަން ރުފިޔާ ހިމެނޭއިރު މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަކުރީ 847.9 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް 351.6 މިލިއަން ރުފިޔާއިން އަރަނިވެފައިވާއިރު މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 3.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

އެއާއެކު މިއަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 1.1 ބިލިއަން ރުފިޔާގެ ޑެފިސިޓްގަ އެވެ.